ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތް އޯގަސްޓުމަހު ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ ވެހިކަލްތައް ޕާކުކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދު ބައްލަވާލެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތަޢާރަފުކުރާ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ އިލެކްޓްރިކް ވެހިކަލްތައް (އީވީ ޓެކްސީތައް) ޕާކުކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ބައްލަވާލައްވައިފިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ ސަރަޙައްދަށް މިނިސްޓަރ އަމީން ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވާފައިވާއިރު، މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ފަށާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވީނަމަވެސް، އެ ޚިދުމަތް ފެށޭވަރުވާނީ މި އަންނަ އޯގަސްޓު މަހުގެ ތެރޭގައިކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީލައިންގެ ޚިދުމަތް ފެށުމުން މިހާރު ދެމުންގެންދާ ޓެކްސީ ޚިދުމަތަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރ މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ ޓެކްސީލައިން ތަޢާރަފުކުރުމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ އިން ދެމުންގެންދާ ޓެކްސީގެ ޚިދުމަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަސްމީ ވަޒީފާ އަދާކުރުމަށްފަހު އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން އެ ފަރާތްތަކަށް މި ފްލީޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކުން، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުން މި ފައްޓާ އީވީ ޓެކްސީ ލައިންގެ ސަބަބުން ނިމުން އަންނާނެކަމަށެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް އިއުލާނު ކުރުމުން، އެކަމަށް ޓެކްސީ ޑްރައިވަރުން ދެކޮޅު ހަދައި އިހުތިޖާޖު ކުރިނަމަވެސް އާންމު ރައްޔިތުން ވަނީ އެ ނިންމެވުމަށް މަރުހަބާ ކިޔާފަ އެވެ.

މާލޭގެ ސަރަހައްދުގައި ގިނަ އަދަދެއްގެ ޓެކްސީތައް ހިދުމަތް ދެމުން ގެންދިޔަ ނަމަވެސް، އެންމެ ބޮޑު މައްސަލައަކީ ޑިމާންޑާއި އެއްވަރަށް ހިދުމަތް ނުދެވުމެވެ. އަދި ޓެކްސީ ޑްރައިވަރުން ބައެއް ދަތުރުތަކުން ބޮޑެތި އަގުތައް ނެގުމަށް ޑިމާންޑު ކުރުމާއި މާލެ ތެރޭގެ ދަތުރުތައް ނެގުމަށް ދެކޮޅު ހެދުން ހިމެނެ އެވެ.

އާންމުކޮށް ޓެކްސީ ޑްރައިވަރުން ނަގަނީ، މާލެއިން ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކެވެ. އަދި އެއާޕޯޓުން ވެސް އާންމު ގޮތެއްގައި މާލެއަށް ދަތުރުތައް ނުނަގާކަމުގެ ޝަކުވާ ބޮޑެވެ.

މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް ސަރުކާރުން ޓެކްސީ ލައިންގެ ތެރެއަށް ވަނުމަށް ވަނީ ނިންމާފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި ޓެކްސީކޮށް އާމްދަނީ ހޯދާ ފަރާތްތަކުގެ ތެރޭގައި، ހަމައެކަނި އެ މަސައްކަތަށް ބަރޯސާވާ މީހުންނާއި ދިރިއުޅުމުގެ ހަރަދު ހަމަޖެއްސުމަށް އެހެން މަސައްކަތެއް ކުރަން މަޖުބޫރުވެފައި ވާތީ ހުސް ވަގުތުތަކުގައި ޓެކްސީ ކުރާ މީހުން ހިމެނެ އެވެ.

އަމީން ވިދާޅުވީ ޓްރާންސްޕޯޓުގެ ހިދުމަތް މާލެ ހިމެނޭ ގޮތަށް، ރާއްޖޭގެ އެކި ހިސާބުތަކުގައި މީގެ ކުރިން ވެސް ދީފައިވާކަމަށެވެ. އޭގެ ތެރޭގައި އާރުޓީއެލް ފެރީއާއި، ބަހުގެ ހިދުމަތް އަމީން ފާހަގަކުރެއްވި އެވެ. މީގެއިން އެއްވެސް ހިދުމަތެއް ފަށާފައި ވަނީ، ނުވަތަ ގެންދަން ނިންމަނީ އެއްވެސް ތަހުލީލުތަކެއްގެ މައްޗަށް ނޫންކަމަށް އަމީން ވިދާޅުވި އެވެ.

މިހާރު އެމްޓިސީސީން ކުރަމުން ގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި އަމީން ވިދާޅުވީ، ދަތުރުތައް ކުރުމަށް ބޭނުންވާނެ ސައިޒުގެ ޓެކްސީތައް ހޯދުމަށް އިއުލާނުކޮށް އެ ކުންފުނިން ވަނީ ވަކި ބަޔަކަށް ސަޕްލައި ކުރުމަށް ހަވާލުކޮށްފަ އެވެ.

އަމީން ވިދަޅުވީ މާލޭގެ ސަރަހައްދުގައި 1،500 އެއްހާ ޓެކްސީ ރެޖިސްޓްރީކޮށްފައިވާކަމަށާއި އެހެން ނަމަވެސް އާންމުން ބޭނުންވާ ގޮތަށް ދަތުރުތައް ނުލިބޭކަމަށެވެ. އަދި ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދިނުމަކީ އެހެން ގައުމުތަކުގައި ވެސް ކުރަމުން އަންނަކަމެއްކަން ފާހަގަކުރި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން ގެންނަ ޓެކްސީ ލައިނުގެ ސަބަބުން މާލެ ސަރަޙައްދަށް ދިމާވެފައިވާ އުޅަނދުފަހަރުގެ އަދަދު ގިނަވުމުގެ މައްސަލަ އިތުރަށް ގޯސްނުވާނެ ކަމަށާއި، ގޯސްވުމުގެ ބަދަލުގައި މިހާރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދިމާވެފައިވާ ޚިދުމަތުގެ މަދުކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: