ފްލެޓުތަކުގެ ކުލި ނުދައްކާނަމަ އެތަންތަން އަތުލައި ޝަރުތު ހަމަވާ އެހެން ބަޔަކަށް ހަވާލުކުރުން އެޗްޑީސީގެ މައްޗަށް ލާޒިމުވެގެންވާކަމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ފްލެޓުތަކުގެ ކުއްލި ނުދައްކާ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު އަމީން ވިދާޅުވީ، އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ދެ ފަރުދަކު ނޫނީ ސަރުކާރާއި އަމިއްލަ ފަރުދަކާއި ދެމެދު ހެދިފައިވާ އެއްބަސްވުމަކަށް އަމަލުނުކުރުންކަމަށެވެ.
އަމީން ވިދާޅުވީ، އެންމެ ގިނަ އަދަދަކަށް ފްލެޓުތައް ހުރީ ހުޅުމާލޭގައިކަމަށްވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ކޮންމެ ވެރިކަމެއްގައިވެސް ފްލެޓުތައް އިމާރާތްކޮށް ހަވާލުކުރަމުން އައިސްފައިވާކަމަށެވެ. އަދި އެ ތަންތަނަކީ ހުރިހާ ރައްޔިތުންގެ ނަންމަތީގައި ބައިނަލްއަގުވާމީ މާލީ އިދާރާތައް ފަދަ ތަންތަނުން އަނބުރާ ދައްކާގޮތަށް ލޯނުތައް ނަގައިގެން އިމާރާތްކޮށްފައިވާ ފްލެޓުތަކެއްކަމަށެވެ.
މެމްބަރު ވިދާޅުވީ، އޭގެ ކޮންމެ ލޯނެއްވެސް ދެއްކުމަށްޓަކައި ސަރުކާރުން ހަދާފައިވާ ޕްލޭނަކީ ފްލެޓުތައް ލިބޭ ފަރާތްތަކުން ކުލި ދެއްކުމުން އެ ފައިސާ އަނބުރާ ދައްކައި ހަލާސްކުރުންކަމަށެވެ. އެހެންކަމުން ފްލެޓުތަކުގެ ވެރި ފަރާތްތަކުން އެ ފައިސާ ނުދެއްކުމުން އެކަމުގެ މާލީ ބުރަތައް މުޅި ނިޒާމުން އުފުލަންޖެހޭކަމަށެވެ. މިގޮތުން ރަށްތަކުގެ ތަރައްގީއަށާއި ހިންގަންޖެހޭ ބޮޑެތި ޕްރޮޖެކްޓުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭކަމަށާއި ކޮންމެ ގޮތެއްވިޔަސް ސަރުކާރުން ނަގާފައިވާ ލޯނެއް ނުދައްކާ މަޑު ނުކުރެވޭނެކަމަށެވެ.
އަމީން ވިދާޅުވީ، އަނބުރާ ދެއްކުމަށްޓަކައި ކަނޑައެޅިފައި އޮތް މުއްދަތު އިތުރުކުރެވުނު ނަމަވެސް އެ ފައިސާ ދައްކަން ޖެހޭނެކަމަށާއި އެހެންކަމުން ފްލެޓުތައް ލިބޭ މީހުން ކުލި ނުދައްކާނަމަ މައި ސަރުކާރަށް އެކަމުގެ މާލީ ބުރަތައް އުފުލަންޖެހޭނެކަމަށް އިޝާރާތްކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ، ހަގީގަތުގައި އެޗްޑީސީން އެއްބަސްވުންތައް ހަދައި ފްލެޓުތައް ހަވާލުކޮށްފައިވާ މީހުންގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކުގެ އަތުން އެތަންތަން އަތުލުގައި ޝަރުތު ހަމަވާ އެހެން ބަޔަކަށް އެތަންތަން ހަވާލުކުރަން އެ ކުންފުނީގެ ވެރިންގެ މައްޗަށް ލާޒިމުވާނެކަމަށާއި އެކަން ނުކުރާނަމަ އެއީ މަގާމުގެ ނާޖާއިޒް މަންފާތަކެއް ހާސިލުކުރުމުގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮންނަކަމަށެވެ.
ވިލިމާލޭގައި ހުރި ފްލެޓުތަކަށް ކުލި ނުައްދަކާ ހުއްޓާ އެ ފައިސާތައް މާފުކޮށްދިން މައްސަލައަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، އެއީ ހަގީގަތުގައި ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަމީން ވިދާޅުވީ، އެކަމަކީ ގާނޫނީގޮތުން ކުރެވިދާނެ ކަމެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށާއި އެއީ ކުރަންޖެހޭނެ ކަމެއްގެ ގޮތުގައިވެސް ދެކިވަޑައިނުގަންނަވާކަމަށެވެ.
މެމްބަރު ވިދާޅުވީ، މިއަދު ރައްޔިތުންގެ ތެރެއިން ބަޔަކު ފްލެޓުތަކަށް ކުލި ދައްކަން ފަސްޖެހެނީވެސް ރިޔާސީ އިންތިހާބާއި ގުޅުވައި އެފަދަ އަމަލުތައް ހިންގާފައި ހުރުމުންކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ރައްޔިތުން މަޑުކޮށްލައިގެންތިބީ މިހާރަށްވުރެ ބޮޑު ލުޔެއް ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ލިބިގެންދާނެކަމުގެ އުންމީދުގައިކަމަށާއި ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް މިފަދަ ކަންކަމަށް ލުއިތައް ދީފައިވާކަމަށް އަލިއެޅުއްވިއެވެ.
އަމީން ވިދާޅުވީ، ޖޫރިމަނާ ފައިސާތަކެއް މާފުކުރެވިދާނެކަމަށެވެ. ނަމަވެސް އެގޮތުގެ މަތިން އަމަލުކުރާނަމަ ކަނޑައެޅިފައިވާ މުއްދަތުތަކުގައި ކުލި ދައްކަމުން އައިސްފައިވާ ފަރާތްތަކަށް ލިބޭނެ އިތުރު ލުއިތަކެއް އޮންނަންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ސަބަބުތަކެއް ދިމާވެގެން ނަމަވެސް އެއްބަޔަކު ކުލި ނުދައްކާ ޖޫރިމަނާވެފައި ތިބޭއިރު އެ ފައިސާ މާފުވެގެންދާއިރު ޖޫރިމަނާއެއް ނުވާނެ ގޮތުގެ މަތިން ކަނޑައެޅިފައިވާ ކުލި ދައްކަމުން އައި ފަރާތްތަކަށް ލުއިތަކެއް ނުލިބޭ ގޮތަށް ކަންކަން ވެގެންދިއުމަކީ އިންސާފެއްގެ ގޮތުގައި ގަބޫލުނުކުރައްވާކަމަށްވެސް ފާހަަގަކުރެއްވިއެވެ.

