ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ކުރެއްވި ޕޯސްޓެއްގައެވެ.
ދުވަހުގެ ތަހުނިޔާ ފޮނުއްވަވައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ދިރިއުޅުމާވެސް ގުޅިފައިވާ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެއީ އާންމު ސިއްޙަތާއި އިޤްތިސާދީ ދެމެހެއްޓެނިވިކަމަށްވެސް މުހިއްމު އެއްޗެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ކާބޯތަކެތީގެ ރައްކާތެރިކަން، އަމަލީ ގޮތުން ސައިންސް“ އެވެ.
ރައީސް ވިދާޅުވީ، މި ޝިއާރުން ދޭހަކޮށްދެނީ ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމުގެ ސަބަބުން އުފަންވާ ބަލިތައް ދެނެގަނެ، އެ ބަލިތަކުން ރައްކާތެރިވުމުގައި ސައިންސް އަދާކުރާ މުހިއްމު ރޯލު ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުން ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، އަދި ސިއްޙީ ގޮތުން އެދެވޭ، އިތުބާރު ހުރި ތަކެތިކަން ކަށަވަރު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި، ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައާއި ކާބޯތަކެތީގެ ހިދުމަތްދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، ކާބޯތަކެއްޗަކީ، އިންސާނުން ބޭނުންކުރުމަށް ސިއްހީގޮތުން އެކަށީގެންވާ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށްޓަކައި ކަނޑައަޅަންޖެހޭ އެނޫންވެސް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމުށް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނެއްވެސް މި ސަރުކާރުގައި ވަނީ ތަފްސީލުކޮށްދީފައެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި، ސިއްހަތަށް ފައިދާހުރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި، ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމާއި ރައްކާތެރިކަން ދެމެހެއްޓުމާގުޅޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމެވެ.
މީގެ އިތުރުން ކާބޯތަކެތި އުފައްދާ މީހުންނާއި، ތައްޔާރުކުރާ މީހުންނާއި، ބަންދުކުރާ މީހުންނާއި، އެއްތަނުން އަނެއްތަނަށް އުފުލާ މީހުންނާއި، ކާބޯތަކެތީގެ ހިދުމަތްދޭ އެނޫންވެސް ފަރާތްތަކުން ހިފަހައްޓަންޖެހޭ ރައްކާތެރިކަމުގެ އަދި ސާފުތާހިރުކަމުގެ މިންގަނޑުތައް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ ބޭނުމެކެވެ.
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގައި އުފައްދާ ނުވަތަ ތައްޔާރުކުރާ ނުވަތަ ބަންދުކުރާ ނުވަތަ ގުދަންކޮށް ރައްކާކުރާ ނުވަތަ އިމްޕޯޓުކުރާ ނުވަތަ އެކްސްޕޯޓުކުރާ ނުވަތަ ވިއްކާ ނުވަތަ ބޭނުންކުރާ ކާބޯތަކެތި ވާންވާނީ، ސިއްހީގޮތުން ފައިދާހުރި، ރައްކާތެރި އަދި އާންމު ސިއްހަތަށް ގެއްލުންނުވާ ފަދަ ކާބޯތަކެއްޗަށެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ މިންގަނޑުތައްވެސް މި ޤާނޫނުގައި ތަފްސީލުކޮށްދީފައިވެއެވެ.
އެގޮތުން ބަލާއިރު، ކާބޯތަކެތި އުފައްދާ ތަންތަން ހުންނަންވާނީ އެ ތަނެއް ހަދާފައިވާ ގޮތަކުން ނުވަތަ އެ ތަނެއްގައި ބޭނުންކުރާ ވަސީލަތަކުން ނުވަތަ އެ ތަނެއްގެ މަސައްކަތްކުރުމުގެ ނިޒާމުގެ ސަބަބުން ނުވަތަ އެނޫންވެސް ކަމަކުން ކާބޯތަކެތި ތަގައްޔަރުނުވާނެފަދަ ގޮތަކަށް ކަމަށާއި، ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ތަކެތި އުފައްދާ ތަން އަދި އުފައްދާ ފަރާތް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އޮތޯރިޓީގައި ރަޖިސްޓަރީކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

