2022 ވަނަ އަހަރުގެ ނިޔަލަށް ފިޝަރީޒް މިނިސްޓްރީއަށް ނުލިބި ހުރި ފައިސާ ހޯދުމަށްޓަކައި ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް މަސައްކަތްތައް ކުރެވިފައިނުވާކަމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ
އޮޑިޓު އޮފީހުންވަނީ 2019 އިން 2022 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ ފިޝަރީޒް މިނިސްޓްރީގެ ކޮމްޕްލައެންސް އޮޑިޓު ރިޕޯޓުގެ މައުލޫމާތުތައް އާންމުކޮށްފައެވެ. އެ ރިޕޯޓުގައިވާގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް ފިޝަރީޒް މިނިސްޓްރީއަށް ޖުމުލަ 209.59 މިލިއަން ރުފިޔާ ލިބެންޖެހޭކަން ރެކޯޑުތަކުން ދައްކައެވެ. ނަމަވެސް އެ ފައިސާ ހޯދުމަށްޓަކައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މިނިސްޓްރީން މަސައްކަތްތަކެއް ކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
2019 ވަނަ އަހަރުން 2021 ވަނަ އަހަރަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފައިވާނަމަވެސް 2022 ވަނަ އަހަރުގެ ތެރޭގައި ފޮނުވާފައިނުވާކަމަށް ބުނެފައިވެއެވެ. އަދި ނުލިބިހުރި ފައިސާގެ ތެރޭގައި ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 172.35 މިލިއަން ރުފިޔާ ހުރިކަމަށާއި މިއީ މިނިސްޓްރީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 82 އިންސައްތަކަމަށް އޮޑިޓުން ބުނެފައިވެއެވެ.

