ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސަޢޫދީ އަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްޢަޒީޒް އާލް ސުޢޫދާ ބައްދަލު ކުރައްވައިފި އެވެ.
އަލް މިނާ ޕެލަސްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ޝުކުރު އަދާކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ވަނީ ހިޔާލު ބަދަލު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރ މޫސާ ޒަމީރު، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް، ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް، ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ، ބައިވެރިވެވަޑައިގަތެވެ.
މީގެއިތުރުން ސައުދީގެ ވަފުދުން މި ބައްދަލުކުރެއްވުމުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު، ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް، ސްޕޯޓްސް މިނިސްޓަރ، ހައިނަސް ޕްރިންސް ޢަބްދުލްޢަޒީޒް ބިން ތުރުކީ ބިން ފައިޞަލް ބިން ޢަބްދުލްޢަޒީޒް، ހޯމް މިނިސްޓަރ، ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސުޢޫދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް، ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް، ދިފާޢީ ވަޒީރު، ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްޙާން ބިން ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދުގެ އަރިހުގައި ބައިވެރިވެވަޑައިގަތެވެ.ރ

