މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެ މީހުންނާ ޤާނޫނު ދަނީ އަރާ ހަމަކުރަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު މިފަދައިން ވިދާޅުވެފައިވެއެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ވެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓުގައި، ”ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރުދަންނަވަން“ ވިދާޅުވެފައިވެއެވެ.
ކަސްޓަމްސްއިން މި މަސްތުވާތަކެތި އަތުލައިގަތީ އެ ސަރވިސްއަށް ލިބުނު އިންޓަލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. 33 ޕެކެޓުގައި ހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ.
މީގެއިތުރުން، ބ. ތުޅާދޫގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު މީހެއްގެ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 22 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.

