ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައުދުގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާކޮށްފައި ނުވަނީ އިޖުރައާތު ގޯސްވުމުން!

ރައުދު އަހްމަދު ޒިލާލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތަކުން އަންހެނަކު ވެއްޓުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލްގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށުގެ ދައުވާ އުުފުލާފައި ނުވަނީ އޭނާގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގައި ފުލުހުން އަމަލު ކުރި އިޖުރާއަތު ގޯސްވުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ 09 ފަންގިފިލާގެ ފެންލައިޓަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު އިރު ކަން ހިނގައިދިޔަ ގޮތް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ، އެރޭ އެ އިމަރާތުގައި ޔުމްނުއާއި އެކީ އުޅުނު ރައުދުގެ މައްޗަށެވެ. އަދި ފެންޓެނޯއީއަށް ރައުދުއާއި، ޔުމްނު ފިޔަވައި އެ މީހުންނާއި ގުޅުން އޮތް އެއްވެސް މީހެއް އެ ގެއަށް ގޮސްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.

ރައުދުގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިން، ފުލުހުން ވަނީ އެ ދެ މީހުންގެ ފެންޓެނޯއީގައި އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު އާންމުކޮށްފަ އެވެ. ވީޑިއޯތަކުން ފެންނަ ގޮތުން ދެ މީހުން ވެސް ތިބީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގަ އެވެ.

ޔުމްނު ވެއްޓުމުގެ ޖެހިގެން އައި ދުވަހު، ރައުދުގެ ކުޑަކަމުދާތަކެތީގެ ސާމްޕަލް ފުލުހުން ނެގި އިރު އޭނާ ކެނަބިސްއަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެން ނަމަވެސް އޭނާ އެ ދުވަހު ހައްޔަރު ނުކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދަށް ގެންދިޔައީ އޭގެ ހަ ދުވަސް ފަހުންނެވެ.

މަހެއްހާ ދުވަސް ރައުދު ބަންދުގައި ބެހެއްޓުމަށް ފަހު، ދައުވާ އުފުލައި އޭނާ ދޫކޮށްލި އިރު ކުރާ ދައުވާތަކުގެ އަސާސީ އަދަބަކީ އެއް މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ.

ރައުދުގެ ސާމްޕަލް ފުލުހުން ނެގީ، އޭނާއާއި ސުވާލު ކުރުމަށް ފުލުހަށް ހާޒިރުކޮށެވެ. އޭރު އޭނާ ހުރީ ފުލުހުންގެ ބަންދަކު ނޫނެވެ. އަދި އޭނާގެ އަތުން މާސްތުވާތަކެތި ފެނިފައެއް ވެސް ނުވެެއެވެ.

ރައުދުގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށުގެ ދައުވާ ކުރަން ފުލުހުން އެދުނު ނަމަވެސް އެ ދައުވާ ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ނުވެއެވެ. މައްސަލައިގައި ސުވާލު އުފެދިފައި ވާތީ ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ ކުރެވެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 55 ވަނަ މާއްދާއާއި މަސްތުވާތަކެއްޗަށް ޓެސްޓު ކުރުމަށްޓަކައި ނެގޭ ކުޑަކަމުދާތަކެތީގެ ސާމްޕަލްއާއި މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ އިޖުރާއަތުގެ ދަށުން ކަމަށެވެ.

އެ މާއްދާގައި ބަޔާން ކުރަނީ ބަންދުގައި ހުންނަ މީހާގެ ސާމްޕަލް ނެގުމުގައި ފުލުހުންނަށް ލިބިދޭ އިހުތިޔާރެވެ. އަދި ކުޑަކަމުދާތަކެތީގެ ސާމްޕަލް ނެގުމުގެ ނެގުމަށް އެދެވޭނެ ހާލަތްތައް ބަޔާން ކުރެ އެވެ. އޭގެތެރޭގައި ހިމެނެނީ  މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުގައި ނުވަތަ މަސްތުވާއެއްޗެއް އަތުގައި ބެހެއްޓިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމާއި، މަސްތުވާއެއްޗެއް ކަމަށް ޝައްކު ކުރެވޭ އެއްޗެއް މީހެއްގެ އަތުން ފެނުން ނުވަތަ މަސްތުވާއެއްޗެއް ބޭނުންކުރި ކަމަށް ނުވަތަ ބޭނުންކޮށްގެން ހުރިކަމަށް މީހަކު އިއުތިރާފުވުމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއް ފިޔަވައި އެހެން ކުށެއްގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެވޭއިރު އޭނާގެ އަމަލުތައް ހުރިގޮތުން އޭނާ ހުރީ މަސްތުވާއެއްޗެއް ބޭނުންކޮށްގެން ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމެވެ.

ރައުދު ކުޑަކަމުދާތަކެތި ދޭން އެންގިއިރު، އެފަދަ އެއްވެސް ހާލަތެއް ނެތުމުން، ފުލުހުން ނަގާފައިވާ ކުޑަކަމުދާތަކެތީގެ ސާމްޕަލްގެ ރިޕޯޓަށް ރިއާޔަތްކޮށް ރައުދުގެ މައްޗަށް ދައުވާ އުފުލޭނެ ހާލަތެއް ނެތްކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: