މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކަނޑުގެ ވެށި ވަރަށް މުޙިއްމު ދައުރެއް އަދާކުރާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤް މިހެން ވިދާޅުވީ ”ލެވަރޭޖިންގ އޯޝަން، ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ އިންޓަރލިންކޭޖަސް“ ގެ ނަމުގައި ބޭއްވި އޯޝަން އެކްޝަން ޕެނަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ އިތުރުން، ޠާރިޤްވަނީ ބީ.ބީ.އެން.ޖޭ (ބަޔޯޑައިވަރސިޓީ ބިޔޮންޑް ނޭޝަނަލް ޖުރިސްޑިކްޝަން) އެއްބަސްވުމަށް ތަސްދީޤުކޮށް، އަވަހަށް ޢަމަލުކުރަން ފެށުމަށް ގޮވާލައްވާފައެވެ. މި އެއްބަސްވުމަކީ ކަނޑާއި، ދިރޭތަކެތީގެ ނަސްލާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަން ޙައްލުކުރުމަށް މުޙިއްމު ދައުރެއް އަދާކުރާނެ އެއްބަސްވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަމިޓަކީ ދުނިޔޭގެ ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ހިމާޔަތްކުރުމަށް ބާރުއަޅާ، ބައިނަލްއަޤްވާމީ ފެންވަރުގައި ބޭއްވޭ މުޙިއްމު ބައްދަލުވުމެކެވެ. މި ސަމިޓުގައި ދިވެހިރާއްޖެ ބައިވެރިވެ، ކަނޑުތަކުގެ މުޙިއްމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުތައް ބޭނުންކުރުމަށް ގޮވާލާފައިވެއެވެ.
މީގެއިތުރުން ޠާރިޤް ވަނީ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމުގެ މުޙިއްމުކަންވެސް ފާހަގަކުރައްވާފައެވެ.
ވަޒީރުވަނީ ރާއްޖޭގައި ރައްކާތެރިކުރެވިފައިވާ އަދި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. މި މަސައްކަތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކޮށް، ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމެވެ.
މި އިވެންޓުގައި ބައިވެރިވި އެހެން ޤައުމުތަކުގެ ފަރާތްތަކުންވެސް ވަނީ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ބެލެހެއްޓުމުގެ މުޙިއްމުކަމާއި، އެކަމުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
މި އިވެންޓަކީ މިނިސްޓްރީ އާއި ޖޮއިންޓް ނޭޗަރ ކޮންޒަވޭޝަން ކޮމިޓީ (ޖޭއެންސީސީ ޔޫކޭ) އާއި ގުޅިގެން ބޭއްވި އިވެންޓެކެވެ.

