ކ. މާފުށި ކައިރީގައި އޮންނަ ކަނޑޫމާ ތިލައަށް މިއަދު ހެނދުނު ޑައިވިންގއަށް ފޭބި ޖަޕާނު ފަތުރުވެރިޔާ މަރުވެފައިވާ ހާލުގައި ސިފައިންގެ ޑައިވަރުން ހޯދައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މައުލޫމާތު ދީފައިވާ ގޮތުގައި، 26 އަހަރުގެ މި ފަތުރުވެރިޔާ ގެއްލިފައިވަނީ ގެސްޓްހައުސްއަކުން ފަތުރުވެރިން ގޮވައިގެން ކަނޑޫމާ ތިލައަށް ދިޔަ އުޅަނދަކުން ޑައިވިންގއަށް ފޭބި ވަގުތުގައެވެ. އޭނާ ގެއްލުނު ކަމުގެ މައުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު ހެނދުނު 10:02 ގައެވެ.
އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނެވެ. އަދި މި ފަތުރުވެރިޔާ ފެނިފައިވަނީ މިއަދު ހަވީރު 17:17 ހާއިރުގައެވެ.
ގެއްލުނު އިރު އެ ފަތުރުވެރިޔާ އަޅާފައި ހުރީ ކަޅު ކުލައިގެ ޑައިވިންގ ގިއަރަކާއި ހުދު ކުލައިގެ މާސްކެއް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ފަތުރުވެރިން ޑައިވިންގއަށް ގެންދިއުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ގެސްޓްހައުސްތަކަށް އިރުޝާދު ދީފައެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

