މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިލްތިމާސްކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ، ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް ނުހަނު އިސްކަމެއްދޭ ކަމަށެވެ. އަދި ކާޑު ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި ބޭންކަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާތީ ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނާތީ ދިމާވާ ދަތިތައްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ކާޑު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ ކަމަށާއި، އަދި ކާޑުން އެއްވެސް މުއާމަލާތެއް ނުކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް ކަމަށާއި، ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެކަމަށްވެސް ވިދާޅުވިއެވެ.
ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެއވެ.
މާލޭ ސަރަހައްދުގައި މިބަދަލުގެނައި ނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުންދާނީ ބީއެމްއެލް މުވައްޒަފުންނެވެ.

