އަހަރު ނިމޭއިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވުގައި ހުރި ފައިސާގެ އަދަދު އިތުރުވެގެންދާނެކަމަށް އެމްއެމްއޭއިން ލަފާކޮށްފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މި އަހަރު ނިމޭއިރު ބޭރު ރިޒާވުގައި ފައިސާގެ އަދަދު އިތުރުވެ 705.1 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ. މި އަންދާޒާކޮށްފައިވަނީ ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެގެންދިއުމާއި އެކްސްޗޭންޖް މާކެޓުގެ މަސައްކަތްތަކަށް ގެންނަ އިސްލާހުތަކުގެ ސަބަބުން އައު ދިމާތަކުން ބޭރު ފައިސާ ލިބެން ފަށާނެކަމަށް ލަފާކޮށެވެ.
އެ މުއައްސަސާއިން ބުނާގޮތުން ކުރު ރާސްތާއަށް ބަލާއިރު ރާއްޖެއާއި ބައިނަލްއަގުވާމީގޮތުންވެސް މާކެޓަށް ކުރިއެރުންތައް ލިބޭނެކަމަށް އަންދާޒާ ކުރެވޭ މިންވަރު ދަށްކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ އިގްތިސާދު ފުޅާވެ ތަނަވަސްކަން އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ މިންވަރު ހުރީ ތާރީހުގައި އެއް މުއްދަތެއްގެ ތެރޭގައި ކުރެވިފައިވާ އަންދާޒާތަކަށްވުރެ ދަށުގައިކަންވެސް ހާމަކޮށްފައިވެއެވެ.
އެމްއެމްއޭއިން ބުނާގޮތުން ޑިއުޓީ ބޮޑުކުރުމުގެ ފިޔަވަޅުތަކެއްގެ ގޮތުގައި އެމެރިކާއިން އެ ގައުމުގެ އިގްތިސާދު ރައްކައުތެރިކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެހެނިހެން އިގްތިސާދީގޮތުން ބޮޑެތި ގައުމުތަކާއި ދެމެދު މައްސަލަތައް ހޫނުވެގެންދިއުމުގެ ފުރުސަތު އޮތްކަމަށެވެ. މިގޮތުން މަސްލަހަތު ގެއްލިގެންދިއުމުގެ ފުރުސަތު ހިމެނޭ ގައުމުތަކުގެ ތެރޭގައި ޗައިނާ އަދި ޔޫރަޕުގެ ގައުމުތައްވެސް ހިމެނޭއިރު މިކަމުގެ ސަބަބުން އިންވެސްޓުމެންޓު ފުރުސަތުތައް ހަނިވެ ސަޕްލައި ޗޭނުތަކަށް އެކަމުގެ އަސަރު ފޯރުން އެކަށީގެންވާކަމަށް ބުނެފައިވާއިރު ބައިނަލްއަގުވާމީ މާކެޓުގައި އިންފްލޭޝަން ރޭޓު އުފުލިގެންދިއުމުގެ ފުރުސަތުވެސް އޮތްކަން ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިވަގުތުގެ ހާލަތަށް ބަލާއިރު ބައެއް ކުރިއަރާފައިވާ އިގްތިސާދުތައް އޮތް ގައުމުތަކުގައި އިންފްލޭޝަން ދަށަށް ދާން ފަށާފައިވާކަންވެސް ހިއްސާކޮށްފައިވެއެވެ.
އެ މުއައްސަސާއިން ބުނާގޮތުން އެމެރިކާއިން އަލަށް ތައާރަފްކޮށްފައިވާ ޑިއުޓީތަކުގެ ސަބަބުން މާކެޓުތަކުގައި ތަކެތީގެ އަގު ބޮޑުވެގެންދިއުމުގެ ފުރުސަތު އޮވެއެވެ. އަދި މިކަމުގެ ސަބަބުން އިންފްލޭޝަން މަތިވެގެންދާނެ މިންވަރާއިމެދުސް މިވަގުތު ސުވާލުތައް އުފެދިފައިވާއިރު އިގްތިސާދީ ކޯޅުންތަކެއް އުފެދިއްޖެނަމަ އިންފްލޭޝަން މައްޗަށް ދިއުމަކީ އޮތް ފުރުސަތެއްކަމަށް ބުނެފަިއވެއެވެ. މިގޮތުން އެކަން ފާހަގަކުރެވިގެންދާނީ އިމްޕޯޓުކުރުމުގެ ހަރަދުތައް އިތުރުވެގެންދިއުމުގެ ގޮތުގައިކަމަށާއި ތާރީހުގައި ކަންކަން ވެފައިވާ ގޮތަށް ބަލާ އަންދާޒާތައް ކުރާއިރު ލަފާކުރެވޭ މިންވަރަށްވުރެވެސް އިންފްލޭޝަން މައްޗަށް ދިއުމުގެ ފުރުސަތުވެސް އޮތްކަން ހާމަކޮށްފައިވެއެވެ.
ރާއްޖޭގެ އިގްތިސާދަށް ބަލާއިރު ހާލަތު ރަނގަޅުވުމާއި ގޯސްވުމުގެ ފުރުސަތުތައްވެސް އޮތްކަމަށް އިޝާރާތްކޮށްފައިވެއެވެ. މިގޮތުން ވެލާނާ އެއަރޕޯޓުގެ އައު ޕެސެންޖާރ ޓާމިނަލް އޮޕަރޭޝަނަލް ހާލަަތަށް ގެނެވިގެންދިއުމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ އިގްތިސާދަށް އެކަމުގެ ރަނގަޅު އަސަރުތައް ކުރުމުގެ ފުރުސަތު އޮތްކަމަށް ބުނެފައިވެއެވެ.

