މީގެ ހަތް އަހަރު ކުރިން އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ކުއްލި މަރާ ގުޅުވައިގެން ކުރީގެ ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
އިމްރާން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”ޑރ ޢިަބްދުލްމަޖީދު ރަޙިމަހުالله ގެ ކުއްލި މަރާ ގުޅިގެން މިއޮތް ހުރިހާދުވަހު ހިތުގައި އުފެދިފައި އޮތް ޝައްކު މިހާރު ޔަގީންވާ ހިސާބައް އަތުވެއްޖެކަމަށެވެ. ޑޮކްޓަރ މަޖީދު ބަޔަކު ޝަހީދުކޮށްލީ“ ކަމަށެވެ.
މިވަރުގެ ބޮޑު ތުހުމަތެއް ކުރައްވާފައިވާއިރު މި ޕޯސްޓާއި ގުޅިގެން އެއްވެސް އިތުރުތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އަދި ސަންގުން ވަނީ ފުލުހުންނަށް މިކަމާއި ގުޅިގެން ސުވާލުވެސް ކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައިގައި އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.
އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މަޖީދު އަވަހާރަވީ ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސްވުމުގެ ސަބަބުން ތިން އޮޕަރޭޝަނެއް ވެސް ކުރި އެވެ. ފަހުން ވެންޓިލޭޓަރުގެ އެހީގައި ވެސް ފަރުވާދޭން ޖެހުނެވެ.
ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރައްވި މަސައްކަތްތަކުގެ ތެރޭގައި އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.
އޭގެ އިތުރުން ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

