ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުއްދެވުމަށް ސްޓެލްކޯއިން އަމާޒުހިފާފައިވާ ގޮތަށް ފަސްލައްކަ ގަސް އިންދިގެންދާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވި ގޮތުގައި، ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދު ފުރިހަމަކުރުމަށް، ސްޓެލްކޯއިން ޕްލެޖްވެފައިވާ 500،000 ގަސް އިންދުމުގެ އަމާޒަށް ވާޞިލްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހަފްތާ ބަންދުތަކުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
2024 ވަނަ އަހަރު ސަރުކާރުން ފަށާފައިވާ ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓް“ އަކީ ދިވެހިރާއްޖޭގައި މިހާތަނަށް ގަސް އިންދުމަށް ފަށާފައިވާ އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މި ވަގުތު މަދުވެފައިވާ ނުވަތަ ނެތިގެންދާ ގަސްތައް ހޯދައި އާލާކުރުމެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މިވަގުތު 90 ވައްތަރެއްގެ ގަސް ނެތިގެން ދިއުމުގެ ބިރު އެބައޮތެވެ. މި މަޝްރޫޢުގައި ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި، ރިސޯޓުތަކާއި، އަދި ޖަމިއްޔާ ޖަމާއަތްތަކުންވެސް ބައިވެރިވެގެންދާނެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮޖެކްޓަކީ ހަމައެކަނި ގަސް އިންދުމަށް އަމާޒުކޮށްފައިވާ މަޝްރޫޢެއް ނޫނެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދެމެހެއްޓޭނެކަމަށް ބެލެވެއެވެ.

