ރައީސް ނަޝީދަށާއި އަދި ޑިމޮކްރެޓްސްގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށްޓަކައި ޖަލްސާ ބޭއްވުމަށް އެމްޑީޕީން ބޭނުންވި ގޮތަށް ސަލްޓަން ޕާކު ހަމަޖައްސައިދީފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެކްސްގައި ޕޯސްޓެއް ހިއްސާ ކުރައްވާ ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެތަން އެ މިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައިވެސް ނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް އެމްޑީޕީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މ މިނިސްޓަރ މިފަދައިން ޕޯސްޓް ހިއްސާކޮށްފައިވަނީ ފައްޔާޒް ދާދި ފަހުން ޕޯސްޓެއް އެކްސްގައި ހިއްސާ ކޮށްފައިވަނިކޮށެވެ. އެގޮތުން ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، މި ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އެހެންކަމުން މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، ގަސްތުކުރައްވަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒްގެ މި ޕޯސްޓާއި ގުޅިގެން ސަރުކާރުގެ ގިނަ ބޭފުޅުންގެ ފާޑުކިއުންތައް ދަނީ އެމްޑީޕީއަށް އަމާޒުވަމުންނެވެ.

