އަހަރަކު 4 ބިލިއަން ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުންދާއިރު، އެދެވޭ ކުރިއެރުންތަކެއް ފެންނަމުން ނުދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އޯލެވެލް ހެދި ދަރިވަރުންގެ ނަތީޖާއިން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ސާނަވީ މަރުޙަލާގައި މިހާރު މި ތިބެވެނީ ކިހާ ހިސާބެއްގައިތޯ ބަލައި ދެނެގަތުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، 2013 ވަނަ އަހަރާއި، 2014 ވަނަ އަހަރާ އަޅާބަލާއިރު މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 އިންސައްތަވެސް 5 މާއްދާއިން ފާސްވެފައިނުވާ ކަމަށެވެ. އަދި 2023 އާއި 2024 ގެ ނަތީޖާއިންވެސް ފެންނަމުންދަނީ މި މަންޒަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ ދައުލަތުން ތައުލީމަށް ހޭދަކުރަމުންދާއިރު، އަދި މުދައްރިސުން އެތައް ގަޑިއިރެއް ކިޔަވައިދިނުމުގެ ކަންކަމުގައި ހޭދަކޮށް، ބެލެނިވެރިން އެތައް މަސައްކަތްތަކެއް ކުރަމުންދާއިރު، އަދިވެސް ނަތީޖާގައި އެދެވޭ ކުރިއެރުންތަކެއް ފާހަގަވެފައިނުވާ ކަމަށެވެ.
އަޅުގަނޑުމެން އެންމެ މި ހަގީގަތް ޤަބޫލުކޮށްގެން، އަޅުގަނޑުމެންނަށް އިތުރު ހަރުފަތަކަށް ދަރިވަރުންގެ ނަތިޖާ މައްޗަށް ޖައްސާލެވޭނީ
މިނިސްޓަރ ވިދާޅުވީ، އޯލެވެލްގެ ނަތީޖާ ދަށްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ކަމަކީ ޕްރައިމަރީގެ ނަތީޖާވެސް ދަށްވުން ކަމަށެވެ. އެގޮތުން ނެޝަނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްގެ ޑޭޓާތަކަށް ބަލާއިރު، އެއިންވެސް ދޭހަވާ ކަމަކީ ކީ ސްޓޭޖް 1 އަދި 2 ގެ ނަތީޖާވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަރަމުން ނުދާ މަންޒަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

