އޯލެވެލްގެ ޓޮޕް 10 ގެ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ޓޮޕް 10 އަށް ދަނީ 36 އިންސައްތަކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ނަތީޖާ ރަނގަޅުކޮށް، ސްކޫލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިފައިވާ މުހިއްމު ކަންކަމުގެ މައްޗަށްވެސް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ޓޮޕް 10 އަށް އަރާ ދަރިވަރުންގެ ތެރެއިންވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލްގެ މަރުޙަލާއަށްދާއިރު، އޭ ލެވެލްގެ ޓޮޕް 10 އަށް ދެވޭވަރަށް ނަތީޖާ ނުލިބޭކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އެކަންކަމަށްވެސް މިނިސްޓްރީން ބަލަމުންދާ ކަމަށެވެ.
އޯލެވެލްގެ ޓޮޕް 10 ގެ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ޓޮޕް 10 އަށް ވަދެގެން މިދަނީ 36 އިންސައްތަ ދަރިވަރުން
އެހެންކަމުން މިއީވެސް ޙައްލު އަންނަން ޖެހޭ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ފަރާތުން މިހާރު ކުރަމުންދާ މުހިންމު އެއް މަސައްކަތަކީ ޓީޗަރުން މަދުވުމުގެ ކަންކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މުދައްރިސުން ތަމްރީނު ކުރުމަށް އެ ވުޒާރާއިން ހިންގަމުންދާ ޕްރޮގުރާމްގެ ތެރެއިން ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
މަތީ އަރުތަވެރިންގެ ޙަފްލާ ކުރިއަށް ގެންދަނީ 5 ސެޝަނަކަށް ބަހާލައިގެންނެވެ. މި ސެޝަންތަކުގައި މިނިސްޓަރވެސް ބައިވެރިވެވަޑައިގެން، ރާއްޖޭގެ ތައުލީމީ ޙާލަތާ ގުޅޭ އިތުރު ވާހަކަތައްވެސް ހިއްސާ ކުރައްވަމުން ގެންދަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

