މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ދައުވާގެ އަޑުއެހުންތައް ސިއްރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ދިއުމާމެދު ދައުލަތުންވެސް ކޯޓުގައި އިއުތިރާޒު ކޮށްފައިވާ ކަމަށެވެ.
މައްސަލަ ސިއްރުކޮށްދޭން ދިފާއުން އެދުނު ސަބަބުތަކުގެ ތެރޭގައި މައްސަލައިގެ ބާވަތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމާއި، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފި ނަމަ އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކުރެއްވިއެވެ.
އަޑުއެހުން ސިއްރު ކުރުމާމެދު ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއުވެސް ނިންމަވާފައިވަނީ އަޑުއެހުން ސިއްރުކުރަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށެވެ.
ކަރެކްޝަންސް އޮފިސަރުންގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށައެޅީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ޕީޖީން ދައުވާކޮށްފައިވަނީ ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމާއި، ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމާއި، ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމާއި، ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ އަދި ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާޤް ގެ މައްޗަށެވެ.
ޕީޖީން ކަރެކްޝަންސްގެ 5 މީހެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު ކޮންމެ މީހަކަށްވެސް މަދުވެގެން 2 ނުވަތަ ތިން ދައުވާއެއް ކޮށްފައިވެއެވެ.
ޕީޖީން އޭރު ބުނެފައިވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

