ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުން އެނބުރި އެމްޑީޕީއަށް ވަޑައިގަތުން ފާހަގަކުރުމަށް ބާއްވާ ހައްސަ ޖަލްސާ ހޯމަ ދުވަހު ބާއްވަން އިއުލާނުކޮށްފި އެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގެ ރޭ 21:00 ގައި ސަލްޓަން ޕާކުގަ އެވެ.
ޕާޓީން ވަކިވެވަޑައިގެންނެވި ތާ ދެ އަހަރު ފަހުން ރައީސް ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ނިންމެވީ، ޑިމޮކްރެޓްސްގެ ބައެއް މެމްބަރުންނާއި އެކު އެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގޯސްވެ، އެކި ތުހުމަތުތައް ކުރައްވާފައި ވެއެވެ. އޭރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމްޑީޕީ އުފެއްދުމުގެ އަސާސްތަކާއި ޕާޓީގެ ވެރިކަމުގައި ހިލާފުވެފައިވާކަމަށާއި، ރައީސް ސޯލިހަށް އިތުރު ދައުރެއް އެ ސަބަބުތަކާއި ހުރެ ދޭން ނުޖެހޭ ކަމަށެވެ.
ރިޔާސީ ޕްރައިމެރީ ރައީސް ނަޝީދަށް ނާކާމިޔާބުވެ، މަޖިލިސް ރައީސްކަމުން ވެސް ދުރު ކުރުމުގެ މަސައްކަތް އެ ދުވަސްވަރު ކުރިޔަށް ގެންދާތީ އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ފިކުރެއްގެ ދިރުންގެ ނަމުގައި މަސައްކަތް ކުރެއްވުމަށް ފަހު، ފަހުން ޕާޓީން ވެކިވެވަޑައިގަތީ އެވެ.
މިދިޔަ ދޮޅު އަހަރު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ، މާލޭގަ އެވެ. އަދި އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ނިންމުމުގެ ކުރިން އެމަނިކުފާނު ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ވެސް ބައްދަލު ކުރެއްވި އެވެ.
ރައީސް ނަޝީދު ވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ގެންގުޅުއްވާކަން ހާމަކުރައްވާފަ އެވެ.

