ސަރަހައްދީ ސުލްހަވެރިކަން ޤާއިމުކުރުމުގައި އީރާނަށް ރާއްޖޭގެ ފުރިހަމަ އެއްބާލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އީރާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އަލީރިޒާ ދެލްކޯޝްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އީރާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު އަލީރިޒާ ދެލްކޯޝްއާ ވަނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
އީރާނުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސް ޑރ. މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

