ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީއާއި ގުޅިވަޑައިގެންނެވުމަށް ނިންމެވީ ކުއްލި ގޮތަކަށް ނޫންކަމަށާއި މި މަސައްކަތްތައް ކުރެވެމުންދާތާ މަސް ދުވަސްތަކެއް ހޭދަވެފައިވާކަން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ހާމަކުރައްވައިފިއެވެ.
ރައީސް ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިގަތުމާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، އެމަނިކުފާނުގެ އިތުރުން ޕާޓީއާއި ވަކިވި އެހެނިހެން ބައެއް މެމްބަރުން އަލުން ގުޅުމަކީ ކުއްލި ގޮތެއްގައި ވެގެންދިޔަ ކަމެއް ނޫންކަމަށެވެ. މިސާލެއްގެ ގޮތުގައި އެއްބަސްވުމަކާއި ހިސާބަށް ވާސިލުވާން މަސައްކަތްތަކެއް ކުރަމުން އައުމަށްފަހު ސޮއިކުރުމާއި ހިސާބަށް ވާސިލުވެވެނީ ކުއްލި ގޮތަކަށް ކަމަށެވެ.
ނަމަވެސް މިކަމަަކީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބާއި ގުޅިގެން ހިތުގައި ހުރި ޝުއޫރުތަކެއް އެއްކިބާކޮށް ވިސްނާ ކޮންމެ މީހަކަށްވެސް ނާކާމިޔާބުގެ ފަހަތުގައި އޮތް އެއް ސަބަބަކީ ޕާޓީގެ ތެެރެއިން ބަޔަކު މީހުން ނެއްޓިގެންދިއުންކަން އެނގޭނެކަމަށެވެ.
ފައްޔާޒް ވިދާޅުވީ ހިތުގައި އޮތް ޝުއޫރުތަކުގެ ސަބަބުން އެބަޔަކަށް އިތުރަށް ޖާގަ ނުދިނުމަށް ނިންމައިފި ހާލަތެއްގައި ބުއްދީގެ ނަޒަރުން ބަލާއިރު ކައިރި މުސްތަގުބަލެއްގައި ޕާޓީއަށް ކާމިޔާބުތަކެއް ނުލިބޭނެކަން ފެންނަކަމަށެވެ. އަދި ދުރު މުސްތަގުބަލުގައި ޕާޓީ ވަރުގަދަ ކޮށްގެން 10 ވަރަކަށް އަހަރު ފަހުން ކާމިޔާބުތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށާއި އެހެންކަމުން ރައީސް ނަޝީދު އަދި އެހެނިހެން ބޭފުޅުން އަނބުރާ ޕާޓީއާއި ގުޅުމާއި ގުޅޭގޮތުން ކުރި މަޝްވަރާތަކުގައި ކުރު މުސްތަގުބަލެއްގައި ކާމިޔާބު ހޯދަންޖެހޭކަމަށަް ގިނަ ބަޔަކަށް ގަބޫލުކުރެވުނުކަމަށެވެ.
ޗެއަރޕާސަން ވިދާޅުވީ، ކުރު މުސްތަގުބަލެއްގައި ކާމިޔާބު ނުލިބިއްޖެ ހާލަތެއްގައި ވަރުގަދަ އޮޕަޒިޝަންއެއް އޮވެގެން ސަރުކާރު ޖަވާބުދާރީ ކުރާ ނިޒާމު އެއްކޮށް ފުނޑުފުނޑުވެގެން ގޮސްދާނެކަން ގިނަ ބަޔަކަށް ގަބޫލުކުރެވުނުކަމަށެވެ. އަދި މި ސަރުކާރު އިތުރު ފަސް އަހަރަކަށް ދެމިއޮވެއްޖެ ހާލަތެއްގައި ޑިމޮކްރެސީގެ ވާހަކަތައް އިތުރަށް ދައްކަން ފުރުސަތު ނެތްކަމަށްވެސް ފެނިގެންދިޔަކަމަށާއި އެ ހިސާބުން ގައުމު ސަލާމަތްވާނީ މީގެ ކުރިން އެމްޑީޕީ ފެށިގެން އައި ދުވަސްވަރު މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތަށް ޒުވާނުންތަކެއް މަސައްކަތްތައް ކުރަމުންގޮސް އެތައް އަހަރުތަކެއްގެ ފަހުންކަންވެސް އެއްބަސްވެވުނުކަމަށެވެ.
އެހެންކަމުން ޕާޓީގެ މެމްބަރުންގެ ގިނަ ބަޔަކުވަނީ ކުރު މުސްތަގުބަލެއްގައި އެކަން ކުރެވޭނެ މަގު ހިޔާރުކޮށްފައިކަމަށާއި އެފަދަ ގޮތަކަށް ކަންކަން ވެގެންދާނީ ސުލްހައިގެ މަގުންކަމަށް ގިނަ ބަޔަކު ދެކޭކަމަށެވެ. އެއާއި ގުޅިގެން މީގެ 8 ވަރަކަށް މަސް ކުރިން މަސައްކަތްތައް ފަށިގެންދިޔަކަމަށާއި މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުވަނީ އެންމެން ގުޅެން ވަގުތު ޖެހިފައިވާކަން ވިދާޅުވެފައިކަމަށް އިޝާރާތްކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، އެމަނިކުފާނު އެވާހަކަތައް ވިދާޅުވި ހިސާބުން މަސައްކަތްތައް ކުރަމުންގޮސް ގައުމީ މަޖިލީހުންވަނީ އެއް ވިސްނުމެއްގައި އެއް ފިކުރެއްގެ މަތިން މަސައްކަތްކުރަން ތައްޔާރު އެހެން ޕާޓީތަކާއި އެކުގައި ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ގަރާރެއް ފާސްކޮށްފައިކަމަށެވެ. އަދި ޑިމޮކްރެޓްސްއާއިއެކު މަސައްްކަތްކުރަން އެންމެ ފުރަތަމަ ވާހަކަތައް ދެކެވުނީ އެ ހިސާބުންކަމަށާއި ސިޓީވެސް ބަދަލުކުރެވިފައިވާނެކަމަށް ހިއްސާކުރެއްވިއެވެ.

