އެމްޑީޕީގެ ލީޑަރުގެ މަގާމުގައި ހުންނަވާ މީހަކަށް ވެރިކަމެއް ގާއިމުކުރެވިއްޖެ ހާލަތެއްގައި ދައުލަތުގެ އެއްވެސް މަގާމަކަށް ނުދެވޭނެ ގޮތަށް ހެދުމަށް ހުށައަޅުއްވާނެކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޗެއާޕާސަން ފައްޔާޒް ވިދާޅުވީ، ޕާޓީގެ ޗެއަރޕާސަން އަދި ރައީސްގެ މަގާމުގައި މީހަކު ހުރުމުގެ ބޭނުން މިހާރު އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. ފައްޔާޒް ވިދާޅުވީ، އެތަނުން ކޮންމެސް އެއް މަގާމެއްގައި މީހަކު ހުރުމުން ނިމިގެންދާކަމަށާއި ޕާޓީއެއް ކުރިއަށް ގެންދިއުމުގައި އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.
ޗެއާރޕާސަން ވިދާޅުވީ، ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ ރޯޑްމެޕުގައި އެ ދެމަގާމު އެއްކޮށްލުމަށްފަހު ކޮންމެވެސް އެއް މަގާމެއް ބެހެެއްޓުމަށް ހިމަނާފައިވާނެކަމަށާއި ބައެއް ބޭފުޅުންނަށް އެ ބަދަލު ބަލަައިގަންނަން ދަތިތަކެއް ހުރިނަމަވެސް އެއީ ގެނައުން މުހިންމު ބަދަލެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އިތުރު ބަދަލެއްގެ ގޮތުގައި ޕާޓީގެ އިސްވެރިޔާގެ މަގާމަށް ހޮވޭ މީހަކަށް އެ ދައުރެއްގައި އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ނިންމުން ހިމެނޭކަމަށާއި އެކަމުގެ ބޭނުމަކީ ފެކްޝަންތަކާއި އެފަދަ އެހެން ކަންކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުންކަމަށެވެ. ފައްޔާޒް ވިދާޅުވީ ވެރިއަކަށް ކުރެވޭނެ ރަނގަޅުކަމެއް ނޯންނާނެކަމަށާއި އެމީހަކަށް ފާޑުކިޔުންތައް އަންނާނެކަމަށެވެ.
އެހެންކަމުން ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަ މީހަކީ އެކަންކަމުން ސަލާމަތްވެ އެއްކިބާވެފައިވާ މީހަކަށް ހެދުމަށް ވިސްނާފައިވާކަމަށާއި އެމީހެއްގެ މަސައްކަތަކަށް ވެގެންދާނީ ޕާޓީ ކުރިއަށް ގެންދިއުންކަމަށެވެ. ނަމަވެސް ޕާޓީ ވަރުގަދަކުރުމަށްފަހު އެމީހެއްގެ ގާބިލުކަން މެމްބަރުންނަށް ސާބިތުކޮށްދިނުމުން ދެން އަންނަ ރިޔާސީ އިންތިހާބަކަށް އެމީހަކަށް ޖާގަ ލިބިގެންދާނެކަމަށެވެ. އެހެންކަމުން އެއީ ރާއްޖޭގެ އެންމެ މަތީ ހަރުފަތަށް އެރުމަށްޓަކައި ގާބިލުކަން ހުރި މިންވަރު ރައްޔިތުންނަށް ދައްކުވައިދޭ ޕްލެޓްފޯމަކަށް ވެގެންދާނެކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް ގާއިމުވެއްޖެ ހާލަތެއްގައި އެމްޑީޕީގެ ލީޑަރަށް އެއްވެސް ވަޒީފާއަކަށް ނުދެވޭނެ ގޮތަށް ނިންމަންވެސް ހުށައަޅާފައިވާނެކަމަށެވެ. މިގޮތުން ކެބިނެޓާއި މަޖިލީސް އަދި މިނިވަން މުއައްސަސާތަކުގެ އިތުރުން އެސްއޯއީއެއްގެ އެމްޑީކަމަށްވެސް ވަޑައިނުގެންނެވޭނެކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ދެ ވެރިކަމުގައިވެސް ޕާޓީގެ ވަރުގަދަ ބޭފުޅުން އެކި އެކި މަގާމުތަކަށް ވަޑައިގަތުމުން ޕާޓީ ހީނަރުވެގެންދާތަން ފެނިގެންގޮސްފައިވާކަމަށެވެ. އަދި އެ ހާލަތުގައި ހިނގަނީ ސަރުކާރުކަމަށެވެ. އެހެންކަމުން މިފިޔަވަޅުގެ ބޭނުމަކީ ސަރުކާރެއް އެކުލެވިގެންދާއިރުވެސް ޕާޓީ ރަނގަޅަށް ހިނގުންކަމަށެވެ. ޕާޓީގެ ލީޑަރު ހުރުމުގެ ސަބަބުން އެ މަގުސަދު ހާސިލުވާނެއިރު އެ މީހަކީ ރަނގަޅު މުސާރައެއް ދީފައި ހުންނަ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގެ އިތުރުން ޕާޓީއާއި ސަރުކާރާއި ގުޅުވައިދޭ މީހަކަށް ވެގެންދާނެކަމަށް މައުލޫމާތު ދެއްވިއެވެ.

