ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ހަމަ މަގަށް ނޭޅެނީ ބައެއް ލީޑަރުންގެ ސަބަބުން، ޔާމީނަކީ ވެސް ވަގެއް: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ހަމަ މަގަށް ނޭޅުވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގެ ވަގުތު ކުރުވެ، ސަރުކާރުގެ ފަރާތުން އެކަށީގެންވާ މިންވަރަށް ބިލުތައް ނުފޮނުވާތީ އެމްޑީޕީގެ މެމްބަރުން ދަނީ ފާޑުކިޔަމުންނެވެ. އަދި މި ސަރުކާރުން ހުށަހަޅައި ފާސްކުރި ބައެއް ބިލުތައް ގާނޫނަކަށްވުމަށް ފަހު، އަނެއްކާވެސް އިތުރު އިސްލާހުތައް ގެނައުމަށް ހުށަހަޅާފައި ވާތީ، މެމްބަރުން ވަނީ މަސައްކަތްތަކަށް ސަމާލުކަން ދިނުމަށް ގޮވާލާފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނުގެ މަސައްކަތްކޮށް ފާސްކުރިތާ މަހެއް ފަހުން ސަރުކާރުން ވަނީ 14 އިސްލާހެއް ގެނައުމަށް ފޮނުވާފަ އެވެ. މި ގޮތަށް ޓޫރިޒަމްގެ ގާނޫނާއި އެހެން ބައެއް ގާނޫނުތަކަށް ވެސް އިސްލާހު ފޮނުވާފައި ވާތީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ބަންޑާރަ ނައިބަށް ޒިންމާދާރުކަމާއި އެކު ކުރެވޭކަމެއް ނެތްކަމަށެވެ.

މި ފާޑުކިއުންތަކަށް ރައްދު ދެއްވައި، ފަލާހު ވިދާޅުވީ ގާނޫނެއްގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް، އިސްލާހުތައް ގެންނަން ޖެހޭކަމަށެވެ. އަދި ގާނޫނެއް ވުޖޫދު ކުރިތާ ދިގު މުއްދަތެއް ނުވާކަމަށް ބުނެ، ހުރި މައްސަލަތައް ހައްލުނުކޮށް ނުތިބެވޭނެކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން މިވަގުތު ސަމާލުކަން ދޭންވީ ޕާޓީގެ އެތެރޭގެ ހާލަތަށްކަމަށެވެ. ޕީއެންސީގެ ލީޑާޝިޕާއި ޕާޓީގެ މަސައްކަތްތަކަށް އެކި ފާޑުކިއުން އަމާޒު ކުރާއިރު އެމްޑީޕީއަށް ގެއްލުންދީ ޕާޓީ ރޫޅާލުނަށް ފަހު އެނބުރި އައީ އިހުލާސްތެރިންތޯ ފަލާހު ސުވާލު އުފެދެވި އެވެ.

ފަލާހު ވިދާޅުވީ ކޮންމެކަމެއްގައި ވެސް އެމްޑީޕީ ބޭނުންވަނީ ރައްޔިތުންގެ ހިތުގެ ތެރޭގައި ސަރުކާރާއި މެދު ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް ކަމަށެވެ. އެގޮތުން ކުޑަ ޖަލްސާއެއް ބޭއްވުމަށް ތަނެއް ހަމަޖައްސައިދޭން ދެކޮޅު ހަދައި، ސަރުކާރުން އެކަމަށް ހުރަސްއަޅަމުން ގެންދާކަމަށް ބުނަމުން ދިޔަކަން ފާހަގަކުރި އެވެ. ފަލާހު ވިދާޅުވީ ޖަލްސާއަށް ތަނެއް ނުލިބޭ ހާލަތެއްގައި، މުލިއާގެ ކައިރިއަށް އެއްވެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ގުޅުން ފާހަގަކުރުމުގެ ބައްދަލުވުން ބާއްވާނެކަމަށް ބުނެ އެމްޑީޕީން ބިރުދެއްކުމަށް މަސައްކަތް ކުރިކަމަށެވެ.

އެމްޑީޕީގެ ބޭނުމަކީ ޖަލްސާއެއް ބޭއްވުން ނޫންކަމަށާއި، އުސޫލުގެ ތެރެއިން ތަނެއް ހަމަޖެއްސުމަށް އެދުމާއި އެކު ސަލްޓަން ޕާކު ޖަލްސާއަށް އެމްޑީޕީއަށް ފޯރުކޮށްދެވުނުކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި އެ ޖަލްސާ ކުރިޔަށް ދިޔަ ވަގުތު އެމްޑީޕީގެ ހަރުގޭގައި ވެސް ބަޔަކު ތިބެ ހަރަކާތްތައް ހިންގި އެވެ. އަދި މަދު ބަޔަކު ނޫނީ، ސަލްޓަން ޕާކުގައި ތިބީ ޑިމޮކްރެޓްސް މެމްބަރުންކަމަށް ވެސް ވިދާޅުވި އެވެ.

ވާހަކަދެއްކިދާނެ، ސިޔާސީ ވާހަކަ ދެއްކިދާނެ… އެކަމަކު، ހަގީގަތުގައި އެ ބޭފުޅުންގެ ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާނެ.. ދެން އެ ދެއްކެވީ އަޅުގަނޑުމެން އުނބަށްޖަހާ ވާހަކަ… އިހަށް ރޭ ކޮން މަންޒަރެއް މި ފެނުނީ؟ 2023 ވަނަ އަހަރު، އެ ބޭފުޅުންގެ ޕާޓީގެ ވެރިކަން ކުރި ރައީސެއް ވިދާޅުވީ… ރޫޅައިލާނަމޭ… އެއީ ތެދެއް. ރޫޅައިލި… ރޫޅާއިލާފައި، އާ ޕާޓީއެއް އުފެއްދީ… އެކަމަކު އިހަށް ރޭ ސަލްޓަންޕާކުގައި.. މި ބޭފުޅުން އުޅުނު، މުލިއާގެ ކަންމަތީގައި، މުޒާހިރާ ކުރަންވެގެން ތަނެއް ނުލިބިގެންނޭ ފުރަތަމަ ވިދާޅުވީ.. އެއީ ތެދެއް. ކޮޅަށް އަނެއްހެން ވިއްސަކަށް މީހުން ތިއްބަސް ތަންކޮޅެއް ބަލާ މީހުންނަށް މީހުން ގިނަހެން ހީވެދާނެ… އެހެންވެ އެ ތަނުގައި މުޒާހިރާކުރަން އުޅުނީ.. ތަނެއް ނުލިބިގެނެއް ނޫން…

މީގެއިތުރުން ފަލާހު ވިދާޅުވީ ގައުމު ހަމަމަގަށް ނޭޅުވިގެން އުޅެނީ އެމްޑީޕީގެ ސަބަބުންކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ، އެމްޑީޕީކަމަށް ވިދާޅުވި އެވެ. ކޮންމެ މައްސަލައެއް ވެސް ޕާޓީތަކުގައި އުފެދިގެން އަންނަނީ ލީޑާޝިޕްގެ ސަބަބުންކަމަށް ވިދާޅުވުމާއި އެކު ތަޅުމުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ވެސް އެފަދަ ވެރިއެއްކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް ވަގަށް ގޮވުމުން، ފަލާހު ވިދާޅުވީ އެއީ ތެދެއްކަމަށެވެ.

ރައީސް ޔާމީނަށް ފާޑުކިއުން އަމާޒުކޮށް، ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ގޮވަނީ ތެދެއްކަމަށާއި ރައީސް ޔާމީނަކީ ހިޔާނާތްތެރިއެއް ކަމަށެވެ.

ހަގީގަތުގައި އެމްޑީޕީގެ އާންމު މެންބަރުންގެ މައްސަލައެއް ނޫން… މި މި އުޅެނީކީ.. މައްސަލަ މިއުޅެނީ ކޮންމެ ޕާޓީއެއްގައި ވެސް ލީޑަޝިޕްގައި ތިބޭ ބޭފުޅުންގެ މައްސަލަ… އަޅުގަނޑުމެން ވެސް ކުރީގައި ޕާޓީއެއްގައި ތިބިން… އޭރުގައި އެ ޕާޓީގެ ލީޑަރަކަށް ހުރީ ޔާމީން… އެއީ ތެދެއް… ހަމަ އެ ބުނީ ރަނގަޅަށް…. ވަގެއް…. އެއީ އެއީ ހަމަ ވަގެއް… ދެން އެމްޑީޕީ، އެމްޑީޕީއަށް ބަލައިފިކަމަށް ވަންޏާމު ލީޑަޝިޕްގައި ނެތް ވައްކަން ނުކުރާ އެކަކު ވެސް. މި ބޭފުޅުންނަށް ފަހަރެއްގައި އެއްޗެއް ނުލިބިދާނެ. މި މައުރޫފްމެންނަށް އެއްޗެއް ނުލިބި ހުރެދާނެ..

ފަލާހު ވިދާޅުވީ އެމްޑީޕީގެ ލީޑާޝިޕަށް ބަލާއިރު، އަދި ޕާޓީގެ އިސް ސަފުގައި ވެސް ތިބީ ވައްކަމާއި ހިޔާނާތް ހިންގާ މީހުންކަމަށެވެ. އަދި މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫޒް ޒާކިރުމެން ފަދަ ބޭފުޅުން ކިތަންމެ ވާހަކައެއް ދެއްކެވި ނަމަވެސް ވައްކަމުގެ ފައިސާ އެފަދަ ބޭފުޅުންނަށް ނުލިބޭކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައީ ގައުމު އެއްކޮށް ދަރަނިވެރިކޮށްލުމަށް ފަހުކަމަށެވެ. އެގޮތުން ލޯނުތައް ނެގުމާއި، ފައިސާ ޗާޕު ކުރުމާއި އެކު ގާތް އެތައް ބަޔަކަށް މިލިއަނުން ބަދަލެއްގެ ގޮތުގައިކަމަށް ބުނެ ފައިސާ ދޫކޮށްފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: