ކައުންސިލް އިންތިހާބު ގާތްވެފައި ވަނިކޮށް އިންތިހާބަށްވުރެ އަމިއްލަ އެދުން އިސްކުރާ މީހަކަށް ފަހުން ލަނޑު ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް މިހެން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ނިޔާޒް ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ އަޑު އެރުމުގެ އިތުރުން ނުސީދާގޮތުގައި މަސައްކަތް ކުރާތަންވެސް ފެންނާނެކަމަށެވެ. އެހެނަސް ރިޔާސީ އިންތިހާބުގެ ޓިކެޓު ހޯދުމުގެ ފޯރީގައި މަސަތްކަތްކުރިއަސް މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަންވީ ކަމަކީ ކައުންސިލް އިންތިޙާބު ކާމިޔާބު ކުރުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ ކޮންމެ ކެނޑިޑޭޓެއްގެ ވިސްނުމަކީ އެމްޑީޕީ ވެރިކަމަށް ގެނައުންކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ. މިގޮތުން އެމްޑީޕީ ވެރިކަމަށް ގެނައުމަށްޓަކައި ވެރިކަމަށް އެންމެ އެންމެ އެކަށީގެން ވަނީ ތިމަންނައޭ ކިޔައިގެން ޕާޓީގެ މެމްބަރުން ރުއްސުމަށް ކޮންމެ މީހަކުވެސް މަސައްކަތްކުރާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ މެމްބަރުން ބޭނުންވާނީވެސް ވަކި މީހަކަށްވުރެ އެމްޑީޕީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

