ސޭޝެލްސްގެ މިނިވަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ރައީސް ޑރ މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.
އެކްސްގައި އާންމުކުރެއްވި މެސެޖެއްގައި ރައީސް ޑރ މުއިއްޒުވަނީ ސޭޝެލްސްގެ ރައީސް ވަވެލް ރާމަކަލަވަންއަށް ތަހުނިޔާގެ އަރިސްކުރައްވާފައެވެ. އަދި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށްވެސް ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.
ރައީސް ވިދާޅުވީ، މި ދުވަހުގެ ހަރަކާތްތަކަކީ އުފަލާއި އެއްބައިވަންތަކަމުން ފުރިގެންވާ ކަންތައްތަކަކަށް ވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ރާއްޖެއާއި ދެމެދު އޮތް ހަރުދަނާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އަަހައްމިއްޔަތު ދޭކަމަށާއި ދެ ގައުމުގެ ޝައުގުވެރިކަން ހުރި ދާއިރާތަކުގެ އިތުރުން ސަރަހައްދީގޮތުން ސުލްހަ ގާއިމުކުރުމާއި ފާގަތިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައިވެސް ރާއްޖެއިން އެއްބާރުލުން ލިބިގެންދާނެކަމަށް އިޝާރާތްކުރެއްވިއެވެ.
1974 ވަނަ އަހަރުގެ ތެރޭގައި ސޭޝެލްސްގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީންވަނީ މިނިވަންކަމަށް ގޮވާލައި ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ބޭއްވުނު އިންތިހާބަށްފަހު އިނގިރޭސިވިލާތާއި ދެމެދު މަޝްވަރާތަކެއް ކުރިއަށް ގެންގޮސް އެއްބަސްވުމެއް އެކުލަވާލެވުމާއިއެކު ކޮމަންވެލްތުގެ ގައުމުތަކުންވަނީ 29 ޖޫން 1976 ވަނަ އަހަރުގެ ތެރޭގައި ސޭޝެލްސްއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަނެފައެވެ.

