ލޯކަލް ކައުންސިލް އިންތިހާބު ކުރިޔަށް އޮތް އިރު، ސަރުކާރުގެ މައި ޕާޓީގެ މެމްބަރުން ރަށްތަކަށް ވަޑައިގެން ކަންކަން އިސްލާހު ކުރުމަށް އިތުރު ވަގުތު ދީ ލޯކަލް ކައުންސިލް އިންތިހާބު މެޖޯރިޓީ ދިނުމަށް އެދެމުންދާކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިނަށް ވާން ޖެހޭ ތައްޔާރީތައް ފަށާފަ އެވެ. އެގޮތުން ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ މަސައްކަތްތަކަށް، ޕީއެންސީގެ ޓީމުތައް މިވަގުތު ތިބީ އަތޮޅު ތެރޭގަ އެވެ.
ސަރުކާރާއި، މަޖިލީހުގެ މަސައްކަތްތަކަށް ފާޑުކިއުން އަމާޒުކޮށް ޒިޔާދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިފަހަކަށް އައިސް ހިނގަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހޭ އެތައް މެމްބަރުންނެއް އެބަތިބި ކަމަށެވެ. އެއީ ޖަލްސާތައް ހެނދުނު ފަށައި، މަސައްކަތް 10 ޖެހުމާއި ހަމައަށް މެމްބަރުން ގެއަށް ދާން ޖެހޭތީކަމަށް ޒިޔާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވަން ޖެހޭ ބިލުތައް ނުފޮނުވާތީ އެކަން ފާހަގަކޮށް ޒިޔާދު ވިދާޅުވީ ބަންޑާރަ ނައިބު އަހުމަދު އުޝާމަށް މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެވޭކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް މިފަހުން ކުރިޔަށް ގެންދަނީ ގާނޫނެއްގެ މާއްދާއަކަށް އަކުރެއް އިތުރު ކުރުމަށް ނުވަތަ މާއްދާއެއް އިސްލާހު ކުރުމަށް އެކަނިކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
މަޖިލީހަށް މިހާރު ވެސް ހުށަހަޅައި، މަސައްކަތް ކުރަން ހުރި ބިލުތަކެއް ނެތްކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި މަސައްކަތް ކުރުމަށް އޮތީ ދެ ގަރާރަކާއި ބިލެއްކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިއީ ބަންޑާރަ ނައިބަށް މިކަން ނުވެގެން އަޅުގަނޑު މި ވާހަކަ އެތައް ފަހަރަކު ދެއްކިފަހުން އަނެއްކާ އިއްޔެ އިސްލާހުކޮށް ފޮނުވި ބިލެއް އަނެއްކާ މިއަދު އެ ބިލާ ބެހޭ ގޮތުން އަޅުގަނޑުމެން ދައްކަން މި ޖެހެނީ.. ދެން އޮތީ ދެ ގަރާރު… ބިލެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު ފޮޅުވަތެއް.. އަކުރެއް ފިއްޔެއް، ބަދަލުކޮށްލަން އަޅުގަނޑުމެން ޖަލްސާ މި ބާއްވަނީ ކޮންމެ ދުވަހަކު އައިސް.. ދެން އެހެން ނަމަވެސް މަޖިލިސް ދިހައެއް ޖަހަންދެން ހަމަ އެ ދަނީ ވެސް އިއްޒަތްތެރި ރައީސްގެ ހިކުމަތްތެރިކަމުން..
ޒިޔާދު ވިދާޅުވީ މަޖިލީހުގައި މެމްބަރުން ބަހުސް ކުރާނެ ބިލެއް ނެތުމާއި އެކު، ކޮމިޓީގެ ބަހަނާ ދައްކައި ކޮންމެ ދުވަހަކު ވެސް ޖަލްސާތައް ނިންމާލާކަމަށެވެ. އަދި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށްކަމަށް ބުނެ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެމްބަރުން ގޮސް ދައްކަވަނީ މީގެ ދޮޅު އަހަރު ކުރިން ވެސް ދެއްކި ވާހަކަތައް ކަމަށެވެ.
ޒިޔާދު ވިދާޅުވި ގޮތުގައި މީގެ ކުރިން ރަށްތަކަށް ގޮސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ މެމްބަރުން ދައްކަވަމުން އައީ ވެރިކަމާއި ހަވާލުވީއިރު ގައުމު އޮތީ ގޯސް ހާލަތެއްގައި ކަމަށެވެ. އެހެންކަމުން މަޖިލިސް މެޖޯރިޓީ ދިނުމަށް އެދި، ކަންކަން ހައްލު ކުރާނެކަމަށް ވައުދުވިކަމަށް ޒިޔާދު ވިދާޅުވި އެވެ.
މިހާރު ކެމްޕެއިނަށް ގޮސް ދައްކަވަނީ، ހާލަތު ހީކުރި ވަރަށް ވުރެ ގޯސްކަމަށާއި އެހެންކަމުން އިތުރު ވަގުތު ދީ ލޯކަލް ކައުންސިލް ސަރުކާރަށް ދިނުމަށްކަމަށް ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ރަށްރަށުގައި އެއްވެސް މަޝްރޫއެއް ކުރިޔަށް ނުދާކަމަށާއި، ފެށުނު ޕްރޮޖެކްޓެއް ނަމަ އޮތީ ހުއްޓިފައިކަމަށެވެ. އަދި ރައްޔިތުންނަށްޓަކައި ފައިސާ ހޭދަކުރުމުގެ ބަދަލުގައި ސިޔާސީ މަގާމުތައް ނަގައި، ބޭކާރު ކުރަމުންދާކަމަށް ޒިޔާދު ވިދާޅުވި އެވެ.
މީގެއިތުރުން ޒިޔާދު ވަނީ ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުން ގުޅައިގެން، ވަޒީރުން ފޯނު ނުނަންގަވަ އެވެ. އަދި ރަށުގެ ކަންކަމާއި ބެހޭ މައުލޫމާތުތައް ވަޒީރަށް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވި އެވެ.

