ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުމުގެ ބަދަލު ހޯދުމަށް ފޯޖުކޮށްފައިވާ ލިޔެކިއުން ހުށަހަޅާ، އަދަދު ކެޕްކޮށް ގާނޫނީ ރަނގަޅު ގަވައިދެއް ބޭނުންވޭ: ނިޔާޒީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވާހަކަ ދައްކަވަނީީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯޖުކޮށްފައިވާ ލިޔެކިއުންތައް ހުށަހަޅައިގެން ދައުލަތާއި ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދަން އެދޭ މައްސަލަތައް ފަހަކަށް އައިސް އިތުރުވަމުންދާކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވިދާޅުވެއްޖެއެވެ.

ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ބޮޑެތި ފައިސާތައް ދޫކުރިއިރު، އެއީ އެންމެ އެދެވޭ އަދަދެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ބަދަލުވުމާއި އެކު އެކި ސަބަބުތަކާއި ހުރެ އެގްރިމަންޓުތައް ބާތިލުކޮށްފައި ހުންނަ ކުންފުނިތަކުން ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅަ އެވެ. އެފަދަ ބައެއް މައްސަލަތައް ކޯޓަށް ހުށަހަޅައި ކުރިޔަށް ދަނިކޮށް ބައެއް ފަރާތްތަކުން އައުޓް އޮފް ކޯޓް ސެޓަލްމަންޓުގެ ދަށުން ބައެއް މައްސަލަތައް ނިންމަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު، ސެޓަލްމަންޓް ކޮމިޓީ އުވާލެއްވި އިރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ބިލިއަނުން ފައިސާ ދޫކޮށް، ފަޅުރަށްތަކާއި ފަޅުތައް ހުރީ ދީފަ އެވެ.

މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނިޔާޒީ ވިދާޅުވީ އާންމު ގޮތެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް މައްސަލަ ހުށަހަޅާ އިރު ދައުލަތާއި އެކު އެކުލަވާލާފައި އޮންނަ އެގްރިމަންޓުތަކުގައި ވެސް ކުދިކުދި ގޯސްތައް ހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެގްރިމަންޓުގައި އެއްބަސްވުން ބާތިލު ކުރެވޭ ހާލަތްތަކާއި، މަސައްކަތާއި ގުޅޭ އެކި މައުލޫމާތުތައް ހިމަނާފައި އޮތް ނަމަވެސް އޭގެ ނަތީޖާއަށް ފަހު ދެން ވާނެ ގޮތެއް ނޯންނަކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި އެގްރިމަންޓުގައި ގެއްލުމުގެ ބަދަލެއް ދޭން ޖެހޭ ހާލަތުގައި، ދެވޭނެ އެންމެ ބޮޑު އަދަދަކީ ކޮބައިކަން ހިމެނިދާނެ އެވެ. އެއަށް ވުރެ ބޮޑު ހައްލެއްކަމަށް ނިޔާޒީ ދެއްކެވީ ގާނޫނުގައި އެފަދަ ހާލަތްތައް ލިޔެ، ގެއްލުމުގެ ބަދަލުތައް ދޫކުރުމުގެ ރަނގަޅު ގާނޫނެއް ފަރުމާ ކުރެވިގެން އައުމެވެ.

ފަހަކަށް އައިސް ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ނިޔާޒީ ވިދާޅުވެފައި ވަނީ، ދައުލަތާއި ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދަން މައްސަލަ ހުށަހަޅާ އިރު ފޯޖުކޮށްފައިވާ ލިޔެކިއުންތައް ހުށަހެޅުމެވެ. ނުވަތަ ކުރި މަސައްކަތްތަކަށް ވުރެ އިތުރަށް މަސައްކަތް ކުރިކަމަށް ދެއްކުމާއި، ވަކި ބަޔަކަށް މަސައްކަތްތަކެއް ކުރިކަމަށް ބުނެ ސައްހަ ނޫން ލިޔެކިއުން ހުށަހެޅުން ނިޒާޒީ ފާހަގަކުރެއްވި އެވެ. އަދި ބައެއް ފަހަރަށް މުދާތައް ފޯރުކޮށްދިންކަމަށް ބުނެ ވެސް މައްސަލަތައް އެގޮތަށް ހުށަހަޅާފައި އެބަހުރިކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވީ އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ ތަހުގީގީ އިދާރާއެއް ނޫންކަމަށާއި އެހެންކަމުން މައްސަލަތައް ފާހަގަކުރެވުން އެކަން ހުށަހަޅަން ޖެހެނީ ކަމާއި ގުޅުން ހުރި އިދާރާތަކަށް ކަމަށެވެ.

މިއަށް އަޅުގަނޑު އިތުރުކޮށްލަން ބޭނުންވާ ވާހަކައެއް ގޮތުން ހަމަ ދައުލަތާ ދެކޮޅަށް ހުށަހެޅިފައި ބައެއް ހުރި ކޭސްތަކުގައި އަޅުގަނޑުމެން މިހާރު އޭގެ ރިޕޯޓު ވެސް ތައްޔާރު ކުރުމަށް މި ދަނީ.. އެބަހުރި ހުންނަތޯ ހަމަ ފޯޖް، ހަމަ ފޯޖް ލިޔުންތައް ހުށަހަޅާފަ ވެސް… އެހެންވީމާ އޭގެ އަނެއް ދެން އަޅުގަނޑުމެންނަކީ ތަހުގީގީ އިދާރާއެއް ނޫން.. އެހެންވީމާ ހަމަ ފޯޖު ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވޭ ލިޔުންތައް ހުށަހަޅައިގެން އެބަހުރި ތަކެއްޗާއި ހިދުމަތާއި ދައުލަތަށް ފޯރުކޮށްދިން ކަމަށް ދައްކައިގެން އެތި ކްލޭމް ކުރަން..

ނިޔާޒީ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ބޭންކާއި މަޝްވަރާ ކުރެވި، އަސްލު ލިޔެކިއުންތައް ހޯދުމުގެ މަސައްކަތްތައް ވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާކަމަށެވެ. އަދި ލިޔެކިއުން ހުށަހަޅާ އިރު އޭގައި ސޮއިކުރިކަމަށް ބުނާ މީހުންނަށް ގުޅައިގެން މައުލޫމާތު ހޯދާކަމަށް ނިޔާޒީ ވިދާޅުވި އެވެ.

މިހާރު ވެސް އެ އޮފީހުން ކުރަމުން ގެންދާ ހަތަރު ރިޕޯޓެއް ފާހަގަކޮށް ނިޔާޒީ ވިދާޅުވީ 400 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޯދަން ހުށަހަޅާފައިވާ މައްސަލައެއްގައި ވެސް ޝައްކުތަކެއް ކުރެވޭކަމަށެވެ.

އޮޑިޓު ރިޕޯޓުތަކާއި އަދި މިހާރު ފާހަގަކުރެވިފައި ހުރި މައްސަލަތަކަށް ބަލައި ބަންޑާރަ ނައިބަށް ކުރެވޭނެ ގިނަ މަސައްކަތްތައް އެބަހުރިކަމަށް ނިޔާޒީ ވިދާޅުވި އެވެ.

ދެން ހެންވީމާ އޭގައި އަޅުގަނޑުމެން ބޭންކުތަކުންނާއި އަދި އެހެން އިދާރާތަކުން އޭގެ އަސްލު ޑޮކިއުމަންޓްތަކާއި އަދި އޭގެ ސޮއިކޮށްފައި ހުރި ކަމަށް ބުނާ މީހުންނާއި އެމީހުންގެ އަދި އެމީހުންގެ ބަހެއް ވެސް ހޯދައިގެން މިހާރު އަޅުގަނޑުމެން މަސައްކަތް މި ކުރަން.. މި ދެންނެވިހެން މިހާރު ވެސް މަސައްކަތް ކުރާ ހަތަރު ރިޕޯޓެއްގައި އޭގެ ވެސް ސަތޭކަ މިލިއަނަށް ވުރެ ބޮޑު އަދަދުތަކެއް މިހާރު ވެސް ހުށަހަޅާފައި އެހެރީ ކްލޭމް ކުރަން…

މީގެއިތުރުން ނިޔާޒީ ވަނީ ދައުލަތުން ވެސް ހިދުމަތެއް ހޯދުމަށް ފަހު ފައިސާ ނުދީ ހުރިނަމަ، ޒިންމާ އަދާކޮށް ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިންސާފުވެރި ބަދަލަކަށް އެދޭ ހާލަތުގައި އެކަން ބަލައި، ކުރިޔަށް ގެންދަން ޖެހޭނެކަމަށް ވެސް ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަތައް ސުޕްރީމް ކޯޓުގައި ވެސް ކުރިޔަށް ދާއިރު، ބައެއް މައްސަލަތައް ކުރިޔަށް ނުގޮސް އޮތުން ނިޔާޒީ ފާހަގަކުރެއްވި އެވެ.

ނިޔާޒީ އެންމެ ބޮޑަށް އެދިވަޑައިގަތީ ގެއްލުމުގެ ބޮޑެތި ބަދަލުތައް ހޯދަން އެދި ހުށަހެޅުން އާންމުވެފައި ވާތީ ގާނޫނުގައި ރަނގަޅު އުސޫލުތައް ގެނައުމެވެ. އަދި އޮޑިޓު އޮފީހުން މިހާރު ތައްޔާރު ކުރަމުން ގެންދާ ރިޕޯޓު މި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ފާހަގަކޮށް ވިދާޅުވީ ރިޕޯޓުގެ އަލީގައި، ގިނަ މަސައްކަތައް ކުރެވޭނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: