މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބާއްވައިފިއެވެ.
މި ޖަލްސާގައި އެމްއޭސީއެލްގެ ޗެއަޕާސަން އައިޝާ ނޫރައިން ޖަނާޙް ވަނީ ބައިވެރިވަޑައިގެންފައެވެ. އަދި އެމްއޭސީއެލްގެ ބޯޑު މެމްބަރުންނާއި، ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދުގެ އިތުރުން، އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ނޫރައިން ވިދާޅުވީ އެމްއޭސީއެލް އިން ފާއިތުވި އަހަރު ހޯދާފައިވާ ކާމިޔާބީތަކަކީ ކުންފުންޏަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެމްއޭސީއެލްގެ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށާއި އުންމީދަކީ އިތުރު ކާމިޔާބީތައް ލިބިގެންދިއުންކަމަށް ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވީ އެމްއޭސީއެލްއިން ފާއިތުވި އަހަރު ހޯދި ކާމިޔާބީއަކީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެގޮތުގައި ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން ކުންފުނީގެ ބޯޑަށާއި މެނޭޖުމަންޓަށް ވަނީ އަރުވައިފައެވެ.
ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ އާ ޓާމިނަލް އާއެކު ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އިތުރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ފައިދާ އިތުރުކުރުން ކަމަށެވެ. އެގޮތުން އާ ޓާމިނަލް ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ އިންގިލާބީ ބަދަލެއްކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލްއަށް މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ ފައިދާވަނި ލިބިފައެވެ. މިދިޔަ އަހަރު ރިކަރަންޓު ހަރަދުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ހަރަދުވި ނަމަވެސް، ސާފު ފައިދާގެ ގޮތުގައި ކުންފުންޏަށް ވަނީ 1.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލައި އިރު 32.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިއީ ކުންފުނީގެ ތާރީހުގައިވެސް މިވަރުގެ ބޮޑު ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އެމްއޭސީ.އެލްއިން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދާ މަސައްކަތަކަކީ އާ ޕެސެންޖަރ ޓާމިނަލް ހުޅުވުމުގެ މަސައްކަތެވެ.
އައު ޕެސެންޖަރ ޓާމިނަލް ހުޅުވިގެންދާއިރު، އެތަނު ޚިދުމަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެމް.އޭ.ސީ.އެލްގައި އުމްރާނީ ގިނަ ވަސީލަތްތަކެއްވަނީ ޤާއިމްކުރެވިފައެވެ.

