ސިއްހީ ނިޒާމުގައި ބޮޑެތި ދަތިތަކެއް އޮތީ މާލެއަށް ބަރޯސާވާން ޖެހޭ ގޮތަށް ސަރުކާރުތަކުން ސިޔާސަތުތައް ބައްޓަންކޮށްފައިވާތީކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ޒިޔާދު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރު ގަނޑީގައި ކުރާ މަސައްކަތަށް ފައިސާ ދޭ އުސޫލުތަކާއި، އަދުލުވެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރުމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށައަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ޒިޔާދު ވަނީ މި ގަރާރަށް ތާއީދު ކުރައްވާފައެވެ. ޒިޔާދު ވިދާޅުވީ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނައިސްފައިވަނީ މިދިޔަ ސަރުކާރުންކަމަށެވެ. މިއީ މި މަސައްކަތް ކުރާނެ ދިވެހިން ނުލިބުމުގެ ދަތިތަކަށް ހައްލު ގެނައުމަށްޓަކައި ގެނައި ބަދަލެއްގެ ގޮތުގައި ޒިޔާދު ފާހަގަކުރެއްވިއެވެ.
ގަރާރުގައިވާ ގޮތަށް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ގަނޑީގައި މަސައްކަތް ކުރަން ޖެހެނީ، މުވައްޒަފުންގެ ދަތިކަމާއި، ޖާގައިގެ ދަތިކަމުގެ ސަބަބުންކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ މި ސަރުކާރުން މި މައްސަލައަށް ހައްލު ގެންނާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ސިއްހީ ދާއިރާއަށް އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ދައްޗަކީ، މާލެއަށް ބަރޯސާވާ ގޮތަށް ސަރުކާރުތަކުގެ ސިޔާސަތުތަކަށް ގެނައިސްފައި ހުރި ބަދަލުތައް.
ޒިޔާދު ވިދާޅުވިއެވެ.
ސިއްހީ ނިޒާމުގައި ބޮޑެތި ދަތިތަކެއް އޮތީ މާލެއަށް ބަރޯސާވާން ޖެހޭ ގޮތަށް ސަރުކާރުތަކުން ސިޔާސަތުތައް ބައްޓަންކޮށްފައިވާތީކަމަށާއި، މި މައްސަލައަށް ހައްލު ހޯދުމަށް މިދިޔަ ސަރުކާރުގައި މަސައްކަތްތަކެއް ކުރިކަމަށް ޒިޔާދު ވިދާޅުވިއެވެ. އެގޮތުން އަތޮޅު ތެރޭގެ އެކި ރަށްތަކުގައި ހޮސްޕިޓަލްތައް ގާއިމްކުރުމަށް މަސައްކަތް ކުރިކަމަށާއި، އަދި ސަރަހައްދީ ހޮސްޕިޓަލްތަކެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތައް މިހާރު ވަނީ މަޑުޖެހިފައިކަމަށާއި، މިއީ ސިއްހީ ދާއިރާއަށް އޮތް ހުރަހެއްކަމަށް ފާހަގަކޮށް ޒިޔާދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީއިން ހެޔޮ ނިޔަތުގައި މި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކޮށްފިނަމަ، ކާމިޔާބުވާނެކަމަށެވެ.

