ރިމާންޑަށް ނަގާފައިވާ 269 މީހުންގެ ތެރެއިން 70 އިންސައްތަ މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑުކުރާނެ އެއްވެސް ނިޒާމެއް ގާއިމުކުރެވިފައި ނެތްކަމަށް ލުބުނާ ވިދާޅުވިއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައިކަން ފާހަގަކޮށް ލުބްނާ ވިދާޅުވީ މިއީ ގާނޫނުގައި ހިމެނޭކަމެއްކަމަށެވެ. ނަމަވެސް މިދިޔަ އަހަރުތަކުގައި މި ގާނޫނު ތަންފީޒުކޮށްފައިނުވާކަމަށް ލުބްނާ ވިދާޅުވިއެވެ.
ރިމާންޑަށް ނަގާފައިވާ ފަރާތްތަތައް ދިގުމުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާ ދީ، އެމީހުން އަލުން މުޖުތަމައަށް ހަރުދަނާކޮށް ރީއިންޓަގްރޭޓް ކުރެވޭނެ ބައެއްގެ ގޮތުގައި ހެދުމަކީ އެންޑީއޭގެ އެންމެ ބޮޑު އަމާޒު ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދާ ހަމައަށް އަޅުގަނޑުމެންނަށް ރިމާންޑަށް ނެގިފައި އެބަހުރި 269 މީހުން، އޭގެތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓާ ހަމައަށް އަޅުގަނޑުމެންނަށް ރެޒިޑެންޝަލް ފަރުވާގެ ތެރެއަށް މީހުން ވަނީ ވެއްދިފައި. އަނެއް 30 ޕަސެންޓަކީ ބައެއް މީހުންގެ ކުރިމިނަލް ކޯޓުގައި ހުންނަ މައްސަލަތަކާއި ގުޅިގެން އިތުރަށް ރެޒިޑެންޝަލް ފަރުވާގެ ތެރެއަށް ހުކުމް ނުކުރެވޭ ފަރާތްތައް.
ލުބުނާ ވިދާޅުވިއެވެ.
ފާއިތުވީ 18 މަސް ދުވަހުގެ ތެރޭގައި 5،394 ފަރާތަކަށް ފަރުވާ ދީފައިވާކަމަށާއި، އޭގެ ތެރޭގައި ޑިޓޮކްސިފިކޭޝަން، ރެޒިޑެންޝަލް ފަރުވާ، މެތަޑޯން ރިމާންޑު ކްލައިންޓުން ހިމެނޭގޮތަށް ގިނަ ފަރާތްތަކަކަށް ފަރުވާ ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެންޑީއޭއިން ރިމާންޑަށް ނަގާ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތައް ފަށާ ކަމަށާއި، އެއާއެކު ނަފްސާނީ ގޮތުން ދޭންޖެހޭ ފަރުވާތައް ވެސް ކުރިއަށްދާކަމަށް ވެސް ވިދާޅުވިއެވެ. ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން އުޅޭ މީހުންކަމަށް ފާހަގަކޮށް ލުބްނާ ވިދާޅުވީ އަދި ކުޑަކުދިން ދިރިއުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު އުޅޭނަމަ އެކަން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ ފަރާތްތައްވެސް ރިމާންޑަށް ނަގާކަމަށެވެ.
ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާކޮށްފައިވާކަމަށާއި، ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގައި ގާއިމުކުރަމުން އަންނަ ރިމާންޑް ސެންޓަރާއެކު އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ.

