އަރަބިއްޔާ ސްކޫލުގެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ އާ ސްކޫލްގެ މަސައްކަތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލެ ފައުންޑޭޝަން ލޭން މިހާރު އަޅާ ނިންމާފައިވާކަމަށެވެ. މިނިސްޓްރީގެ މަގުސަދަކީ 2026 ވަނަ އަހަރު ނިމި 2027 ވަނަ އަހަރަށް އަރަބިއްޔާގެ މަސައްކަތް ވެސް ނިންމާލުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާ ސުކޫލު އެޅުމުގެ މަސައްކަތް ކުރަމުން ދަނީ ވަރަށް ބޮޑަށް ކުނި އޮތް ސަރަހައްދެއްގައިކަމަށްވާތީ، މި މަސައްކަތް މިހާރު ކޮށް ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަރަބިއްޔާ ސުކޫލުގެ މަސައްކަތް ނިމޭއިރު، 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހުންނާނެއެވެ. މި ސްކޫލު އިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ.
އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި އެކު ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ އިހުތިޖާޖުތަކާއި އެކުއެވެ. ޗާނދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތަށް 10 އަހަރު ނުވަނީސް ރެނދުތައް ލައި، ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން އެކަމުގެ ކަންބޮޑުވުންތައް އިތުރުވެ މީޑިއާގެ ސަމާލުކަންވެސް ލިބިގެން ދިޔައެވެ. އަދި ސްކޫލު އެޅުމަށް ބިމެއް ހޯދުމަށް ކުރި އެކި މަސައްކަތްތަކާއި އެކު އެންމެ ފަހުން ނިންމީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ އިމާރާތް އެޅުމަށެވެ.
ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިވަގުތު މި މަސައްކަތް ކުރިއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށްގެންނެވެ.

