ސަރުކާރުގެ އެކި އިދާރާތަކުން އެކި ނަންނަމުގައި، ވަކިވަކި މާނަތައް ދީގެން މުވައްޒަފުންނަށް ދޭ އެލަވެންސްތަކުގެ އަދަދު 60 އަށް އަރާކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އެލަވަންސްތަކުގެ މައްސަލައިގައި ސިޓީއެއް ހުށަހެޅީ ކަރެކްޝަނަލް ސާވިސްގެ މަދަނީ މުވައްޒަފުންނެވެ. އެ ސިޓީގެ މައްސަލައިގައި ކުރިޔަށް ގެންދިޔަ ކޮމިޓީގައި މެމްބަރުން ވަނީ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާއި، މުޅި މަސައްކަތް ނިމުމުން މުސާރައިގެ ފަރަގުތައް ނައްތާލެވޭނެތޯ ސުވާލުކޮށްފަ އެވެ.
ފައިޒަލް ވިދާޅުވީ މުސާރަތައް އެއްހަމަވެގެން ދާއިރު އަމާޒަކީ، ހުރި ތަފާތުތައް ނައްތާލުން ކަމަށެވެ. އަދި މިހާރު ވެސް އެ މަސަައްކަތަށް އެކި އިދާރާތަކާއި މުވައްސަސާތަކާއި ބައްދަލު ކުރަމުން ގެންދާއިރު އަންނަ އެންމެ ބޮޑު ޝަކުވާއަކީ އަޅާ ކިއުމުގެ ސަގާފަތްކަމަށް ފައިޒަލް ވިދާޅުވި އެވެ.
ފައިޒަލް ވިދާޅުވީ ރާއްޖޭގައި އޮންނަނީ ކުޑަ މުޖްތަމައުއެއްކަމަށާއި، އެއް އިދާރާއަކުން ދޭ މުސާރައާއި އިނާޔަތްތައް އެހެން މީހުންނަށް ވަރަށް ފަސޭހައިން އަންދާޒާކޮށް ދެނެގަނެވޭ ކަމަށެވެ. އަދި ގިނަ ފަހަރަށް ވަކިވަކި މީހުންގެ މުސާރަތައް ވެސް އެގޮތަށް އާންމުވެގެން އަންނަކަން ފައިޒަލް ފާހަގަކުރެއްވި އެވެ.
ތަފާތު ނަންނަމުގައި އެލަވެންސްތަށް ދިނުމަށް އެދި މުވައްސަސާތަކުން ހުށަހަޅަމުން ދިޔަ ނަމަވެސް، އެ ހުއްދަތައް ދިނުމުން މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ. އަދި ބައެއް އިދާރާތަކުން ގަވައިދުގައި ބުނާ އެލަވަންސް ނުދޭތީ މުވައްޒަފުންގެ ޝަކުވާ ލިބުނު ނަމަވެސް ވަކިވަކި މައްސަލަތަކަށް އެގޮތަށް އެޓެންޑުވެ އެ އެލަވެންސެއް ދޭން އެނގުމަކީ ފަސޭހަކަމެއް ނޫންކަމަށް ފައިޒަލް ވިދާޅުވި އެވެ. އޭގެ ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ހަމަ އެ އެލަވެންސް ދިނުމަށް އެދެމުން ދިޔަ އިދާރާއަކަށް ހުއްދަ ނުދީ، އެހެން ބަޔަކަށް ހުއްދަ ދިނުމެވެ.
ފައިޒަލް ވިދާޅުވި ގޮތުގައި ދައުލަތުގެ އިދާރާއަކުން އެލަވެންސެއް ދޭތީ، އެއީ އަނެއް އިދާރާއަކުން ވެސް ލިބެން ޖެހޭ އެއްޗެއްކަމަށް ގިނަ ބަޔަކު ދެކޭ ކަމަށެވެ. އަދި ހަމަ އެ އެލަވެންސް މުވައްޒަފުންނަށް ދޭން ބޭނުންވެ އިދާރާތަކުން ވަރަށް ގިނައިން ހުށަހަޅާކަން ފައިޒަލް ފާހަގަކުރެއްވި އެވެ. ފައިޒަލް ވިދާޅުވީ އެ ހުއްދަތައް އެގޮތަށް ދީގެން ފަހުން ނިކުންނަ ނަތީޖާ ގޯސްވާނެކަމަށާއި، އަދި އޭގެ ބުރަ ބަޖެޓަށް ވެސް ކުރާނެކަމަށެވެ.
މުސާރަތަކުގެ މިފަދަ މައްސަލަތައް ހައްލު ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ކުރާކަން ފާހަގަކޮށް ފައިޒަލް ވިދާޅުވީ، މުސާރަތައް ހާމަނައިޒް ކުރުން ކަނޑައެޅިފައިވާ ގޮތުގެ މަތީން ކުރިޔަށް ދާނެކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ އަދި ޔުނިފޯމް ބޮޑީތަކަށް ވެސް އެ ހައްލު ގެނެވޭނެކަމަށް ފާހަގަކުރެއްވި އެވެ.
ކުރިން ދެންނެވި ހަމަ އެއްހަމަ ވެގެން ދާއިރު މިގޮތަށް ހުރި ތަފާތުތައް ނައްތާލަން ބޭނުންވަނީ.. އަޅުގަނޑުމެން މިހާރު ވެސް ހަމަ ހުރިހާ އިދާރާތަކާ ބައްދަލުކުރަން މި ދަނީ.. ދާއިރު ވެސް ހަމަ އަންނަ މައިގަނޑު ޝަކުވާއަކީ އެހެން އިދާރާތަކާ ހަމަ އަޅާކިޔުމުގަ މިދަނީ.. ދެން ކޮންމެ ގޮތެއް ވިޔަސް ހަމަ ކުޑަ ސޮސައިޓީ ވީމަ އެއްބަޔަކު އަނެއް ބަޔަކާ އިނގޭ.. ލިބެނީ ކިހާ ވަރެއްކަން ވެސް އެބަ އިނގޭ.. އެހެންވެ ދެން އެއް ހަމަ ކުރާއިރު ހަގީގަތުގައި އަނެއްހެން ވަކި ވަކި ތަންތަނަށް މިހެން އަޅުގަނޑުމެން އެޓެންޑްކޮށްފިއްޔާ އޭގައި ނުކުންނަ މައްސަލަތައް ފަހުން ވަރަށް ބޮޑު.. އެ ބަޖެޓަށް އޭގެ އިމްޕެކްޓް ވެސް ބޮޑު.. އެހެންވެ ދެން އަޅުގަނޑު މި ދަންނަވަނީ އެއް ހަމަވެގެންދާއިރު މުޅި މައްސަލައަށް ހައްލެއް ގެނައުން ބޭނުންވަނީ މިހެން ވަކި ވަކި އެލަވަންސްތައް އަޅުގަނޑުމެން ބަލައިލާއިރު އެބަ ހުރި މިހާރު ވެސް ސަރުކާރު އިދާރާތައް 60 ވުރެ ގިނަ އެލަވަންސް.. ހަމަ ވަރަށް ކުދިކުދި ކަންތައްތަކަ އެކި ނަންނަމުގެ އެކި ގޮތްގޮތަށް ހަމަ އެކި ޑެފިނިޝަންތަކުގައި މި ހުންނަނީ
މި ބައްދަލުވުމުގައި ފައިޒަލް ވިދާޅުވީ ގޮތުން މިހާރު ވެސް އެކި މާނަތައް ދީގެން، ވަކިވަކި ނަންތަކުގައި ސަރުކާރުގެ އިދާރާތަކުން ދަނީ 60 އަށް ވުރެ ގިނަ އެލަވެންސް ދެމުންނެވެ. އަދި އޭގެ ތެރޭގައި ހިމެނޭ ބައެއް އެލަވެންސްތަކަކީ ވަރަށް ކުދިކުދި ކަންތަކާއި ގުޅުވައި ދޭ އެލަވަންސްތައްކަމަށް ވެސް ފައިޒަލް ވިދާޅުވި އެވެ.
ފައިޒަލް ވިދާޅުވީ ފުޅާކޮށް ވިސްނާލަން ޖެހޭ މައްސަލައެއްކަމަށާއި، ވަކިވަކި ހުއްދަތަން ދިނުމުން އެދެވޭ ނަތީޖާއެއް ނުނިކުންނާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ބޭނުން ވަނީ މުޅި މައްސަލައިގެ ހައްލުކަމަށް ވެސް ފައިޒަލް ވިދާޅުވި އެވެ.

