ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓު ފައިސާ ބޭނުން ކުރާ ގޮތް ރަނގަޅަށް މޮނީޓަރ ކުރެވޭނެ ނިޒާމެއް ގެނެސް ހަރުދަނާ އުސޫލެއް ބޭނުންވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އައިފާން ވިދާޅުވީ ގްރާންޓު ފައިސާ ބޭނުންވެގެން، އެ ފައިސާ ހޯދުމަށް ސަރުކާރުން ނޫޅޭ ކަމަށެވެ. ހަމައެކަނި މައްސަލައަކީ އައިފާން ވިދާޅުވި ގޮތުން ބްލޮކް ގްރާންޓު ފައިސާ ބޭނުން ކުރަން ޖެހޭނެ ގޮތުގެ ރަނގަޅު އުސޫލެއް ލިޔެވިފައި ނެތުމެވެ. އެގޮތުން ބައެއް ކައުންސިލްތަކުން ބޭނުންހާ ގޮތަކަށް އެ ފައިސާ ހަރަދު ކުރަމުންދާއިރު ފައިސާ އެއްވެސް މިންވަރަކަށް ބޭނުން ނުކޮށް އެކައުންޓުތަކުގައި ބަހައްޓާފައިވާ ކައުންސިލްތައް ވެސް އެބަހުރިކަމަށް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަކީ ރައްޔިތުންގެ ފައިސާކަމަށާއި، އެ ފައިސާ ކައުންސިލުން ރައްޔިތުންޓަކައި ހޭދަކުރޭތޯ ނުވަތަ ނޫންތޯ ބެލޭނެ ރަނގަޅު މެކޭނިޒަމްއެއް ނެތްކަމަށެވެ. އަދި ބޭނުން ވަނީ ހަރުދަނާ ނިޒާމެއްކަމަށް ފާހަގަކޮށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް ކޮންމެ ކައުންސިލެއް ވަކިވަކީން ގެނެސްގެން ސުވާލު ނުކުރެވޭނެކަމަށެވެ.
މާލިއްޔަތު ކޮމިޓިގެ ބައެއް މަސައްކަތްތައް ފާހަގަކޮށް އައިފާން ވިދާޅުވީ، މިހާރު ވެސް ބައެއް މައްސަލަތަކާއި ގުޅޭ އޮޑިޓު ރިޕޯޓުތައް އެބަހުރި ކަމަށެވެ.
މީގައި ދިމާވެގެން އުޅޭ މައްސަލައަކީ މިހާރު ކައުންސިލްތަލަށް މި ލިބޭ ބްލޮކް މިއީ ދިމާވާ މައްސަލައަކީ މިހާރު މި ބްލޮކް ގްރާންޓް ހިތު ހުރި ގޮތަކަށް، މި ދައްކަނީ ކައުންސިލްތަކަށް ވެސް މި ދޫކުރަނީ ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ ފައިސާ ދޫކުރަނީ ކައުންސިލްތަކަށް ބްލޮކް ގްރާންޓު.. ދޫކުރާ އިރު މި ފައިސާ މޮނިޓަރ ކުރެވޭނެ ނިޒާމެއް ނޯވެޔޭ.. މިހާރު މި ކުރަނީ އެ މަސައްކަތްތައް މި ކަންތައްތައް އެކަމަކު މީގައި ވާ ގޮތަކީ މި ހަރުދަނާ ނިޒާމެއް އެބަ ޖެހޭ ނޫންތޯ އޮންނަން..
އައިފާން ވިދާޅުވީ ނިޒާމުގައި ހުރި އެކި މައްސަލަތައް ވެސް ހައްލު ކުރަން އެބަހުރި ކަމަށެވެ. ވަކި މައްސަލައެއް ބަލައި ފިޔަވަޅު އަޅަން ޖެހޭ އިރު، ހުންނަ ބައެއް ބާގަނޑުތަކެއްގެ ސަބަބުން އެކަމެއް ދޫވެގެންދާކަމަށް ވެސް އައިފާން ވިދާޅުވި އެވެ.
އައިފާން ވިދާޅުވީ ކައުންސިލްތަކުން ބްލޮކް ގްރާންޓުގެ ފައިސާ ނަގައިގެން، އެއްވެސްކަމެއް ނުކޮށް އެބަހުރިކަމަށެވެ. އަދި ރަށުގެ ބައެއް ކަންކަމުގައި ބަޖެޓުގެ ދަތިކަމުގެ ޝަކުވާ ނަގާކަން ވެސް ފާހަގަކުރި އެވެ.
ޖަވާބުދާރީ ކުރެވޭނެ ގޮތެއް ބޭނުންވާކަމަށް ވެސް އައިފާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަތައް ދައްކަނީ އެއްވެސް ގޮތަކަށް ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރުމަށް ނުވަތަ ބާރު ކަނޑުވާލަން ވެސް ނޫންކަމަށެވެ.

