ކޮރަޕްޝަނާއި ގުޅޭ މައްސަލަތައް ބެލުމަށް މުވައްސަސާތައް އޮއްވައި ކޮމިޝަންތައް މި ސަރުކާރުން އުފައްދައި ވަގުތު ބޭކާރު ނުކުރާނެކަމަށާއި، ތުހުމަތު ކުރެވޭ މީހުންނާއި މެދު މިހާތަނަށް އަވަސް ފިޔަވަޅު އެޅިކަން އެނގެން އެބައޮތްކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އަސަދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކީ ކޮރަޕްޝަންތައް ހުއްޓުވައި ވަގުތުން ފިޔަވަޅު އެޅުން ކަމަށެވެ. ކުރީގައި ހިނގަމުން ދިޔަ އެތައްކަމެއް ހުއްޓުވުމާއި އެކު އޭގެ ފައިދާ ކުރަމުންދާކަމަށް އަސަދު ވިދާޅުވި އެވެ.
އަސަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި އޮތީ ކޮރަޕްޝަނުގެ ހާއްޔެއްކަމަށެވެ. އަދި ކޮރަޕްޝަނަށް ޖާގަ ދީގެން ސަރުކާރު އޮތް އިރު، ވެރިން ގެންދެވީ ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ދެމުންކަމަށް ވިދާޅުވި އެވެ. މިއީ އިންތިހާބުތަކާއި ދިމާކޮށް، ކެމްޕެއިނުގެ ބޭނުމަށް ނެގި ފައިސާކަމަށް ތުހުމަތު ކުރައްވައި އަސަދު ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ބިލިއަނުން ފައިސާ ދީފައި އެބަހުރިކަމަށެވެ.
އެމްޑީޕީ ތަކުރާރު ކުރަމުން ދިޔަ ވައްކަމާއި ހިޔާނާތާއި ރައްޔިތުން ދެކޮޅުވުމަކީ މި ސަރުކާރަށް ރައްޔިތުން ވޯޓު ދީ، މަޖިލީހުގައި ސުޕަ މެޖޯރިޓީ ދިން ސަބަބުކަމަށް އަސަދު ވިދާޅުވި އެވެ. އަސަދު ވިދާޅުވީ މިއީ އެއްވެސް ހަމައެއް އުސޫލެއް ނެތި ދޫކުރެވިގެން ވާނެ ފައިސާއެއް ނޫންކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ.
އެހެންކަމުން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ، ދެވަނަ ފަހަރަށް އެފަދަކަމެއް ހިނގަން ޖާގަ ނުދިނުންކަމަށް އަސަދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް ކަމެއް ނުހިނގާނެކަމާއި، އެފަދަ ޖާގައެއް ވެސް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށެވެ.
ރައްޔިތުންގެ މަޖިލީހާއި މާލިއްޔަތު ކޮމިޓީ އޮތީ، އަސަދު ވިދާޅުވި ގޮތުގައި އެއަށް ވުރެ ފާރަވެރިކޮށެވެ.
އަސަދު ވަނީ އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަނަށް އެޅި ފިޔަވަޅުތަކަކީ ކޮބައިތޯ ވެސް ސުވާލު އުފައްދާފަ އެވެ. އޭނާ ވިދާޅުވީ އެތައް މައްސަލައެއްގެ ތުހުމަތުތައް ފެންމަތިވެގެން އައި އިރު ވެސް ސަރުކާރުން އެއަށް ދިނީ ބީރު ކަންފަތެއް ކަންފަތެއްކަމަށެވެ.
އެހެންވީމާ އަޅުގަނޑުމެން ބޮލުގައި މިއަދު އެޅިފައި އޮތް ޒިންމާއެއް ދެން އިތުރަށް މި ސަރުކާރުން އެވަރުގެ ކަމަށް ކުރުވިޔަ ނުދިނުން، ލާހިކު ކުޅަދާނައެއް ނޫން.. ނުފެންނާނެ ރައްޔިތުންގެ މަޖިލީސް އޮތީ އެއަށްވުރެ ފާރަވެރިވެގެން އަނެއްކާ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ވެފައި ހުރި ވައުދުތައް ފުއްދުމުގައި ހަމަ ނަޒާހާތްތެރި ބޭފުޅެއް.. ލާހިކު ކުޅަދާނަ ކަމެއް ނޫން މި ސަރުކާރުގެ ތެރޭގައި އެވަރުގެ ކޮރަޕްޝަނެއް ހިންގާ ކަށް ނުހިންގޭނެ.. ދެން ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަންގެ ވާހަކަ ދެއްކީމާ ފިޔަވަޅު އެޅިތަން ފެނުނުތޯ.. މިހާރު ކޮރަޕްޝަންގެ ކަމެއް ކޮރަޕްޝަންގެ މައްސަލައެއް ފެންމަތި ވާއިރަށް އިމީޑިއޭޓްކޮށް ސަރުކާރުން ފިޔަވަޅު އަޅާނެ..
މި ސަރުކާރު އުފެދިގެން އައީ އެމްޑީޕީގެ ވެރިކަމުގައި ހިނގި އެ މައްސަލަ ބަލަން ވައުދުވެ ނޫންތޯއާއި މިހާތަނަށް އެމްޑީޕީ ވެސް އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އެއީކަމަށް ސުވާލު ކުރުމުން އަސަދު ވިދާޅުވީ ކުރީ ސަރުކާރު ގޮތަށް ބޮޑެތި ކޮމިޝަނެއް އުފައްދަން ނުޖެހޭނެ ކަމަށެވެ. އަސަދު ވިދާޅުވީ މައްސަލަތައް ބަލައި، ތަހުގީގު ކުރުމަށް ގާނޫނުން ބޮޑެތި ބާރުތައް ލިބިފައިވާ މުވައްސަސާތައް އެބައޮތް ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަށް މެމްބަރުން ނަގައި، މުވައްޒަފުން ނެގުމަށް ފުރުސަތު ދީގެން ބޮޑު ހޭދައެއް ކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. އަދި ވިދާޅުވީ މިހާރު ވެސް މައްސަލަތައް ދަނީ ބަލަމުންކަމަށާއި، ކޮންމެ މީހެއްގެ މައްސަލަ ވެސް ބަލައި ތަހުގީގު ކުރާނީ އިންސާފުގެ ތެރެއިން އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އަސަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިހާރު ވެސް ކުރިޔަށް ދާ ބައެއް މައްސަލަތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ އޮޑިޓު ރިޕޯޓުތައް ދިރާސާ ކުރަމުން ދާއިރު މާލިއްޔަތު ކޮމިޓީން ސަބް ކޮމިޓީތައް ނަގައިގެން ބަލަމުންދާ މައްސަލަތައް އެބަހުރިކަމަށެވެ. މި މައްސަލަތަކަށް ޖަވާބުދާރީ ކުރުވުމަށް އެކި ފަހަރުމަތީން ތުހުމަތު ކުރެވޭ ފަރާތްތަކާއި ނުވަތަ އެ އިދާރާތަކާއި ސުވާލު ކުރެވިފައިވާނެކަމަށް އަސަދު ވިދާޅުވި އެވެ.
މީގެއިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރަމުން ގެންދާ މައްސަލަތަކާއި ގުޅޭ ގޮތުން އަސަދު ވިދާޅުވީ، އެ ކޮމިޝަނާއި ބައްދަލު ކުރިކަމަށެވެ. ތަހުގީގު ކުރިޔަށްދާ މައްސަލަތައް ލަސްވާނަމަ، އޭގެ ސަބަބު ދެނެގަތުމަށް ވެސް ސިޓީތައް ފޮނުވާފައިވާނެކަމަށް އަސަދު ވިދާޅުވި އެވެ.

