މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރޭގައި، ބޭރު ފައިސާގެ ދަތިކަމަކީ ގިނަ ޤައުމުތަކަށް ދިމާވެފައިވާ ނުހަނު ބޮޑު މައްސަލައެކެވެ. ދިވެހިރާއްޖެއަށްވެސް މި ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މިކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އީކޮމާސް މުޢާމަލާތްތަކަށް އައު ފީއެއް ތަޢާރަފުކޮށްފައެވެ. މިއީ ބޭރު ފައިސާގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިފަދަ ހާލަތްތަކުގައި އަޅަމުންދާ ފިޔަވަޅުތަކާ އެއްގޮތް ފިޔަވަޅެކެވެ.
އީކޮމާސް ފީގެ ތަފްޞީލް
މި އައު ސިޔާސަތުގެ ދަށުން، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދިވެހި ރުފިޔާގެ ޑެބިޓް ކާޑު ބޭނުންކޮށްގެން ހަ ޕްލެޓްފޯމަކުން (ޓެމޫ، ޝީން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ކުރާ މުޢާމަލާތްތަކުން 30% ގެ ފީއެއް ނެގޭނެއެވެ. މި ފީއަކީ އެމެރިކާ ޑޮލަރުގެ އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކަށް ނުހިނގާނެ ފީއެކެވެ. އެހެންކަމުން، ޑޮލަރު އެކައުންޓްތަކުން ކުރާ މުޢާމަލާތްތަކަށް މި ފީއެއް ނުނެގޭނެއެވެ.
ފީ ތަޢާރަފުކުރުމުގެ އަސާސް
ބީއެމްއެލްއިން މި ފިޔަވަޅު އެޅުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ މުޢާމަލާތްތަކުގެ މިންވަރު އިންތިހާއަށް އިތުރުވެފައިވުމެވެ. ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ބޭންކުން މަހަކު 45 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ބޭރުގެ މުޢާމަލާތްތައް ފޯރުކޮށްދެއެވެ. މީގެ ތެރެއިން 75% އަކީ އީކޮމާސް ޕްލެޓްފޯމްތަކަށް ކުރެވޭ ޚަރަދުތަކެވެ. ޚާއްޞަކޮށް ފާހަގަކުރަންޖެހޭ ކަމަކީ، މި ޚަރަދުތަކުގެ ތެރެއިން ގިނަ ބައެއް ހިއްސާކުރަނީ މަދު ބަޔަކު އަމިއްލަ ފަރުދުންގެ ކާޑުތައް އެއްކޮށްގެން ވިޔަފާރީގެ ބޭނުމަށް ކުރާ މުޢާމަލާތްތަކެވެ. މިފަދަ މުޢާމަލާތްތައް ގިނަވުމުގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް ނުހަނު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ.
އިސްތިސްނާ ހާލަތްތައް
މި 30% ގެ ފީ ހުރިހާ މުޢާމަލާތްތަކަކަށް ނުހިނގާނެއެވެ. ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށާއި، މުހިންމު ޚިދުމަތްތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގެ މުހިންމުކަން ބީއެމްއެލްއިން ވަނީ ދެނެގަނެފައެވެ. މިގޮތުން، ހޮޓާ ބުކިންގ، މެޑިކަލް ޕޭމަންޓްތައް،، ޓިއުޝަން ފީ އަދި ބައިނަލްއަޤްވާމީ ސަބްސްކްރިޕްޝަންތައް ފަދަ މުހިންމު މުޢާމަލާތްތައް މި ފީއިން އިސްތިސްނާ ކުރެވިފައިވެއެވެ. މިކަމުން ދޭހަވަނީ، މި ފިޔަވަޅަކީ ވިޔަފާރީގެ ބޭނުމަށް ބޭރު ފައިސާ ބޭނުންކުރުންކުރުން ހަނިކޮށް، އަސާސީ ބޭނުންތަކަށް އިސްކަންދިނުމުގެ މަޤްޞަދުގައި އެޅޭ ފިޔަވަޅެއްކަމެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާ
ބޭރު ފައިސާގެ ދަތިކަމާ ކުރިމަތިލުމަށް މިފަދަ ފިޔަވަޅުތައް އަޅާފައިވާ ދުނިޔޭގެ އެހެން ޤައުމުތައްވެސް އެބަހުއްޓެވެ. މިޞްރު، ސްރީލަންކާ، ނައިޖީރިއާ ފަދަ ޤައުމުތަކުން މިކަމުގައި ތަފާތު ތަޖުރިބާތައް ހޯދާފައިވެއެވެ. މިސާލަކަށް، މިޞްރުގައި 2023 ވަނަ އަހަރު ކާޑުން ޚަރަދުކުރެވޭ މިންވަރު ހަނިކުރެވުނެވެ. ސްރީލަންކާގައި ބޭރު ފައިސާގެ ދަތިކަން ބޮޑުވެ، 2022 ވަނަ އަހަރު 360 އަށްވުރެ ގިނަ މުދާ އިމްޕޯޓްކުރުން މަނާކުރެވުނެވެ. ނައިޖީރިއާގައި ބައިނަލްއަޤްވާމީ ޑެބިޓް ކާޑުތަކުގެ ލިމިޓް މަހަކު 20-50 އެމެރިކާ ޑޮލަރަށް ތިރިކުރެވުނެވެ. މި ތަޖުރިބާތަކުން ހާމަވަނީ، ބޭރު ފައިސާގެ ދަތިކަމަށް ޙައްލެއް ހޯދުމަށްޓަކައި މިފަދަ ފިޔަވަޅުތައް އެޅުމަކީ އާދަޔާ ޚިލާފު ކަމެއް ނޫންކަމެވެ.
ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ބީއެމްއެލްގެ މި އައު ފިޔަވަޅަކީ ބޭރު ފައިސާގެ ޚަރަދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމަށާއި، މުޖުތަމަޢުގެ އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެޅޭ ފިޔަވަޅެކެވެ. ދުނިޔޭގެ އެހެން ޤައުމުތަކުންވެސް މިފަދަ ހާލަތްތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތް ފިޔަވަޅުތަކެކެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި، ކޮންމެ ރައްޔިތަކުވެސް ޤައުމީ މަޞްލަޙަތަށް އިސްކަންދީ، ޚަރަދުތައް ހެޔޮގޮތުގައި ބެލެހެއްޓުމަކީ ނުހަނު މުހިންމު ކަމެކެވެ. މި ފިޔަވަޅުގެ ސަބަބުން ކުރުމުއްދަތުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވިޔަސް، ދުރުރާސްތާގައި މިއީ ޤައުމުގެ އިޤްތިޤްތިޞާދަށް ފައިދާކުރާނެ ފިޔަވަޅެއްކަމަށް ވާނެކަން ޔަގީނެވެ.

