މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ ސުވާސާގެ 48 އަހަރުގެ އިބްރާހިމް ސައީދު ނަމަކަށް ކިޔާމީހެކެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ހުއްދަ ނެތް ގޮތުގައި މީހަކު ހިފަހައްޓާ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހެނދުނު 6:00 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށާއި މި މައުލޫމާތާއއެކު ވަގުތުން ފުލުހުން އެ ސަރަހައްދަށް ގޮސް، އެ ގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ، އެ މީހާ ސަލާމަތްކޮށްފައިވާކަމަށް ފުލުހުން އިއްޔެ ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ރަހީނުކޮށްފައި ހުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ބެލުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެއީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

