މިފްކޯއިން މިހާރު މަސްދަޅު ވިއްކަނީ ހަމައެކަނި ރާއްޖޭގެ ލޯކަލް ބާޒާރަށް އެކަނިކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު އެފަދައިން ވިދާޅުވީ، ޗައިނާއަށް އެކްސްޕޯޓުކުރާ ދިވެހި ކަނޑުމަހުން އެގައުމުގެ ކުންފުންޏަކުން ދަޅުމަސް އުފެއްދުމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މަރުޙަބާ ވިދާޅުވެފައިވާ ދަނޑިވަޅެއްގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަމްރު ވިދާޅުވީ، އެއީ ދިވެހިން އުފާކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެފްޓީއޭގެ ދަށުން ރާއްޖެއިން މަސް އެކްސްޕޯޓު ކުރުމުން ޗައިނާއިން އެ މަސް ދަޅުގައި ބަންދުކޮށް މާކެޓަށް ނެރެ ވިއްކުމަކީ މާ އުފާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، މިފްކޯއަށް ބޭރުގެ އޯޑަރެއް ނާންނަތާ އެތައް މަހެއް ވެފައިވާކަމަށްވެސް އަމްރު ވިދާޅުވިއެވެ. އެގޮތުން މިފްކޯއިން މިހާރު މަސްދަޅު ވިއްކަނީ ހަމައެކަނި ރާއްޖޭގެ ލޯކަލް ބާޒާރަށް އެކަނިކަމަށްވެސް އަމްރު ވިދާޅުވިއެވެ. އަދި އެ ވާހަކަ ދައްކާނީ ކާކުތޯވެސް އަމްރު ވަނީ ސުވާލު ކުރައްވާފައެވެ.
އަމްރު އިތުރަށް ވިދާޅުވީ، މަސް ގަންނަ އަގު ދަށްވުމުގެ ސަބަބުން މަސްވެރިން އެތައް ތަކުލީފުތަކަކާ ކުރިމަތިލަމުންދާކަމަށެވެ. އަދި މުޅި މިފްކޯ މަސް ފެކްޓަރީ ހިންގަމުންދަނީ ގެއްލުމުގައިކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ހަމައެއާއެކު، ފްރީ ޓްރޭޑް އެގްރީމަންޓުގެ ދަށުން ހަގީގަތުގައި ދިވެހިންނަށް ކުރިއެރުން ލިބެންޖެހޭ ކަމަށާއި، އޭގެ ބަދަލުގައި މަސްވެރިކަމުގެ ސިނާއަތު ދުވަހެއް ދުވަހަކަށް ދަށަށް ދާތަން ފެންނަމުންދާކަމަށްވެސް އަމްރު ވިދާޅުވިއެވެ. އެގޮތުން މިއަދު މަސްވެރިކަމުގެ ސިނާއަތު ހިންގަމުންދަނީ އެއްވެސް ތަސައްވުރެއް ނެތިކަމަށްވެސް އަމްރު ވިދާޅުވިއެވެ.
މިފްކޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ލީޑްކުރާ ފައިދާ ކުރަނިވި ކުންފުންޏަކަށް ހެދޭނެ ކަމަށް އެ ކުންފުނިން ދާދި ފަހުން ވަނީ ބުނެފައެވެ.

