ނ. މާފަރު ފަޅު ތެރޭ އޮންނަ ”ފަރުމުލި“ އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅުއްވައިފި އެވެ.
މި ނިންމެވުން ރައީސް ނިންމަވާފައި ވަނީ މާފަރު ފަޅު ތެރޭ އޮންނަ ދެ ފަޅު ރަށެއް މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނިކޮށެވެ. އޭރު ނިންމީ ފަރުމުލިއާއި ކަނޑިންމާހުރާއަކީ މާފަރު ބައެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ގަރާރުގައި ވަނީ ފަރުމުލިއަކީ މާފަރުގެ ބައެއް ނޫންކަމަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ އިދާރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. މިއާއި އެކު ޓޫރިޒަމާއި ބެހޭ ގާނޫނުގެ ދަށުން ޓުރިޒަމްގެ ބޭނުމަށް، ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ”ފަރުމުލި“ ވަނީ ކަނޑައަޅުއްވާފައެވެ.
މި ޤަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުންގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.

