ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާއިމެދު ކުރިން ހެދި އެއްބަސްވުންތައް އުވާލާ، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރުކޮށްފައިވާކަމަށް ބުނެ މިއަދުގެ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
މައްސަލަ ބޭރު ކޮށްލާފައިވަނީ 34 މެންބަރުންގެ ވޯޓާއިއެކުއެވެ. މައްސަލަ ތަޅުމަށް ބަލައިގަންނަން ވޯޓު ދިނީ 12 މެންބަރުންނެވެ.
މިއީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ހިންގި މަޝްރޫއުއެއްކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި މި މަޝްރޫއުގެ ދަށުން ގޯތި ލިބިފައިވާ މީހުންނާއިއެކު ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ގާނޫނާއި ފުށޫއަރާކަމަށް ބުނެ މި ސަރުކާރުން އުވާލާފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ސަރުކާރުން އަމަލުކުރާނެކަމަށް ބުނެފައިވާ ލިޔުމެއް ބަދަލުކޮށް، އަމިއްލަ އަމިއްލައަށް ގޮތް ނިންމުމަކީ، ކޮންޓްރެކްޓާ ބެހޭ ގާނޫނާއި ހިލާފުކަމެއްކަމަށް މެންބަރު ވިދާޅުވިއެވެ. މިއީ ގޯތި ލިބުނު ފަރާތްތަކުގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް ސަރުކާރުން ކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ގަނޫނު އަސާސީއާއި ހިލާފުވުންކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކަށް އުނިކަން އައިސް، ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ ދަރަޖައަށް އެބައޮތްކަމަށް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

