ހުޅުމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ދިނުމަށް ދަތިވެ، ތަނުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައިކަމަށް ބުނެ ހުށައެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށައެޅުއްވީ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ އަހުމަދު ޝަމްހީދުއެވެ. މި މައްސަލަ ބޭރުކޮށްލާފައިވަނީ 37 މެންބަރުންގެ ވޯޓާއިއެކުއެވެ. މައްސަލަ ބަލައިގަތުމަށް ފެންކަަށް ވޯޓުދިނީ 10 މެންބަރުންނެވެ.
މައްސަލައިގައި ބުނެފައިވަނީ ސިއްހީ ހިދުމަތަކީ ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައި ރައްޔިތުންނަށް ކަށަވަރުވާން ޖެހޭނެކަމަށް ހިމަނާފައިވާ ހައްގެއްކަމަށެވެ. މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ ތަނަކީ ހުޅުމާލެކަމަށްވީއިރު، އެތަނުގެ އާބާދީއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރަނގަޅު ފެންވަރެއްގައި މެދުނުކެނޑި ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިކްތަކުން ހޯދާ ހިދުމަތުގެ ހަރަދު، އާސަންދައިން އެއްކޮށް ކަވަރު ނުކުރާތީ ގިނަ ރައްޔިތުން ދާޏް ޖެހިފައިވަނީ ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކަށްކަމަށެވެ.
ހުޅުމާލޭގައި ހުރި ސަރުކަރުގެ ސިއްހީ ހިދުމަތްދޭ ތަންކަމަށްވާ ހުޅުމާލެ ހޮސްޕިޓަލަކީ މަހަކު އެވެރެޖްކޮށް 15،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކަން ދާތަނެއްކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އަދި ބުނެފައިވަނީ މަހަކު އެވެރެޖްކޮށް 330 އަށްވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާކަމަށެވެ. ނަމަވެސް މި ހޮސްޕިޓަލާއިމެދު އާންމުންގެ އެތައް ޝަކުވާއެއް އެބައޮތްކަމަށެވެ. ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޮސްޕިޓަލްގައި ގާއިމްކޮށްނުދިނުމުގެ ޝަކުވާވެސް އެބައޮތްކަމަށާއި، އެކަށީގެންވާ މިންވަރުގެ ބަޖެއްޓެއް ނުދޭތީ ހިދުމަތަށް ބޭޏުންވާ ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންނާއި ފަންނީ މީޙުން ވަޒީފާއަށް ނެގުމަށް ހުރަސްތައް ކުރިމަތިވާކަމަށް ކުއްލި މައްސަލައިގައިވެއެވެ.
އެގޮތުން ފާހަގަކުރެވިފައިވާ މައްސަލަތައް:
- 24 ގަނޑިއިރު ހިދުމަތް ދޭނެކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ހިދުމަތް ދިނުމަށް އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުން.
- މެޑިކަލް އޮފިސަރުން މަދުވުމާއި، ގިނަ އިރު މަސައްކަތް ކުރަން ޖެހުމުން ބަލި މީހުން ބެލުމުގައި ފޯކަސް ގެއްލުން.
- އިތުރު ގަނޑީގެ ފައިސާ ދިނުން ހުއްޓާލުމާއި ގުޅިގެން، ޑޮކްޓަރުން އިތުރަށް މަސައްކަތް ކުރަން ބޭނުން ނުވުން.
- އިތުރ ގަނޑީގެ ފައިސާ ދިނުން ހުއްޓާލުމުން، ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމާއި ސްޓޫޑަންޓް ލޯން ދެއްކުމަށް ބޭނުންވާ ފައިސާ ހޯދުމަށް މުވައްޒަފުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަމުން ގެންދިޔުން.
- އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓެއް ނެތްކަމާއި، ހާޓް އެޓޭކެއް ޖެހިގެން މީހަކު ގެނެވިއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތްކަމާއި، އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ފޮނުވާލުން ނޫން ގޮތެއް ނޯވެ.
- ނިއުރޯލޮޖިސްޓެއް ނެތް.
ޖުލައި 8 ވަނަ ދުވަހު ހޮސްޕިޓަލްގެ ހިދުމަތް ގަނޑިއިރަކަށް ކެނޑުނުކަމަށް ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ އެއީ ސާރވާއަކަށް ދިމާވީ މައްސަލައަކުންކަން އެތަނުގެ މީޑިއާ އޮފިޝަލް ހާމަކޮށްފައިވާކަމަށެވެ. އެއީ ތަނުގެ ހިންގުން ފުޅާވި ނަމަވެސް ސާވާފަދަ ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ތަރައްގީ ކުރެވިފައި ނެތުމުންކަން ހާމަވާކަމަށް ޑރ ޝަމްހީދު ހުށައެޅުއްވި މި ކުއްލި މައްސަލައިގައިވެއެވެ.
މީގެ އިތުރުން ކުއްލި މައްސަލައިގައި ވަނީ ޖޫން 27 ވަނަ ދުވަހު ހޮސްޕިޓަލަށް ކަރަންޓުގެ މައްސަލައެއް ދިމާވެފައިވާކަމަށާޢި، އޯޕީޑީގެ ހިދުމަތް ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ޖެހުނުކަމަށެވެ. މައްސަލަ ހައްލުކޮށް، އާންމު ހާލަތަށް ގެނެވުނީ 6 ގަނޑިއިރުފަހުންކަމަށްވެސް ބުނެފައިވެއެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ހުޅުމާލެފަދަ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ތަނެއްގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ އަދަދެއްގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދަން ނުހަނު ބޮޑަށް ދަތިވެ އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ހާޅަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެކަމެއްކަމަށެވެ.

