ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށައެޅުއްވީ އިނގުުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ. މި ބިލު ބަލައިގަތުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަކީ ޤާނޫނުއަސާސީގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށް ހުށައެޅުއްވި ބިލެކެވެ. ޢާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ޤާނޫނެއް ނެތެވެ. މި ބިލުގައިވާ ގޮތުން ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. މަޖިލީހަށްވެސް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރު ފާސްކުރެވެއެވެ، މި ގަރާރު ފާސްކުރެވޭނީ، މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށްފަހު އަނބުރާ ނެގެއެވެ.
އާންމު އިންތިޚާބުތަކުގައި ކެމްޕޭން ކުރާ އުސޫލުން، މި އިންތިހާބުގައިވެސް ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބިލުގައިވެއެވެ.
ބިލު ހުށައެޅުއްވި މެންބަރު ފަލާހު ދެއްކެވި ވާހަކައިގައި ފެހި ގާނޫނު އަސާސީއަށް 17 އަހަރު ވެގެން ދިޔައިރު މިފަދަ ބިލެއް ފާސްކޮށްފައި ނެތްކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލާހު ވިދާޅުވީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލަށް އެހުމުގެ ބިލެއް ސަރުކާރުން ހުށައެޅުމަކީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގައުމުގެ ކަންކަން ހަމަޖެހޭ އުސޫލުން އިހުލާސްތެރިކަމާއިއެކު ގެންދަން ބޭނުންވާކަމުގެ ހެއްކެއްކަމަށެވެ.
މި ބިލުގައި 29 މާއްދާ އެކުލެވިގެންވާއިރު، ރައްޔިތުންގެ ވޯޓަކަށް އެހޭ ހާލަތްތައް ފެހި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށާއި، ނަމަވެސް މި ބިލުގެ މަގްސަދަކީ މި ވޯޓަށް އެހޭ އުސޫލުތައް ގާނޫނުގައި ހިމެނުންކަމަށް ފަލާހު ވިދާޅުވިއެވެ.
ގައުމުތަކުގެ ވެރިންނަށް މި އަންނަނީ ތަފާތު ވައްތަރުގެ ވެރިން. ބައެއް ވެރިންނަކީ ވެރިންނަށް ލިބޭ ބާރުތައް، ނަހަމަ ގޮތުގައި ބޭނުންކުރާ ވެރިން. އަނެއް ބައި ވެރިންނަކީ އެ ބާރުތައް ބޭނުންކުރުމުގައި އެބޭފުޅުންނަށް ތަންދޮރު ވަކި ނުވެ ތިބެ ބާރުތައް ބޭނުންކުރާ ވެރިން. އެހެންވީމަ ހަގީގަތުގައި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއި މިކަންކަން ތަރުތީބުކޮށް ފެންނަން ހުންނާނެ ގޮތަށް އެކަންކަން އެގޮތަށް އަމަލުކުރުމަށް ލާޒިމްކުރާ ގޮތަށް ގާނޫނުތައް ބައްޓަން ކުރަންޖެހޭ.
ފަލާހު ވިދާޅުވިއެވެ.
ވެރިން ބާރުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފުމުގެ ސަބަބުން ދިމާވި ވަރަށް ގިނަ ހާލަތްތައް ފެނިފައި އެބަހުރިކަމަށް ފާހަގަކޮށް ފަލާޙު ވިދާޅުވީ، އަދިވެސް އެ ވޭންތައް އުފުލަން ޖެހިފައިވާކަމަށެވެ. މިއަދުގެ ސަރުކާރުން މިކުރާ ކަމަކީ ގޯސް ވެރިން އައިސް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭ ގޮތަށް ގާނޫނުތައް ބައްޓަން ކުރުންކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތީތީ ބޭނުންހާ ގޮތަކަށް ބިލްތައް ފާސްކުރެވިދާނެކަމަށާއި، ނަމަވެސް އެއީ ރަނގަޅު ގޮތް ނޫންކަމަށެވެ. އެގޮތުން ފާހަގަކުރެއްވީ ދައުރު ދިގުކުރުމުގެ ބިލްތަކާއި، އެއްވެސް އުސޫލެއް ނެތި މަގާމުތަކުގައި ތިބޭ ބޭފުޅުން އަޒުލުކުރުމަށް ހުށައަޅާ ހުށައެޅުންތަކެވެ. ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މައްސަލަތަކަކީ ރައްޔިތުން ދެކޭ ގޮތް ބަލަން ޖެހޭ މައްސަލަތައްކަމަށް ފަލާހު ވިދާޅުވިއެވެ. މި ބިލުގެ ސަބަބުން އެ ފައިދާ ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

