ކައުންސިލަރުންގެ އަދަދު ގިނަކޮށް ނުވަތަ މަދުކޮށްގެން ރައްޔިތުން ބާރުވެރި ކުރުވޭނެ ގޮތެއް ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ރިފާއު ވިދާޅުވީ ކައުންސިލަރުންގެ އަދަދުތަކަށް ބަލާއިރު ރަށެއްގައި 7 ކައުންސިލަރުން ތިބެގެން ނިންމާ ނިންމުމާއި، 3 ކައުންސިލަރުން ތިބެގެން ނިންމާ ނިންމުން ޤާނޫނީ ގޮތުން އެއްގޮތްވާނެ ކަމަށެވެ. އަދި ވިދާޅުވީ، ރަށު ކައުންސިލަރުންނަކީ އޭގެ ޒާތުގައި ރަށްރަށުގެ ކަންކަމުގައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކެއް ކަމަށާއި، މައިގަނޑު މަސައްކަތްތަކުގެ އަމަލީ ސިފަ ގެންނަން ތިބޭ ބަޔަކީ ސިވިލް ސަރވަންޓުން ކަމަށެވެ.
މަސައްކަތް ކުރަން މި ތިބެނީ ރަށުގައި ތިބޭ ސިވިލް ސަރވިސް މުވައްޒަފުން، އެމީހުން ތަރައްޤީގެ ހުރިހާ މަސައްކަތްތަކެއްގެ އަމަލީ ސިފަ ޖައްސާ ބަޔަކީ.
ރިފާއު ވިދާޅުވީ، ކައުންސިލަރުންގެ އަދަދު މަދު ނަމަވެސް ތިބޭ ބަޔަކު ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްފިނަމަ ގިނަ މައްސަލަތަކަކަށް ޙައްލު އަންނާނެކަމަށެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރު، ހަގީގަތުގައި ރައްޔިތުންގެ ބާރު ފެންނަން އެބައޮތްކަމަށްވެސް ރިފާއު ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އުޅޭކަމަށް ބުނެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި، ރައްޔިތުންނަށް ފެންނަ ގޮތް ވޯޓުން ބުނެދިނުމުގެ ބާރުވެސް ރައްޔިތުންނަށް އެބައޮތްކަމަށް ރިފާއު ވިދާޅުވިއެވެ.
ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތުމުން ގާނޫނަށް އިސްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ދާދި ފަހުން ވަނީ ޤަރާރެއްވެސް ހުށަހެޅިފައެވެ.
މި ގަރާރު ހުށަހަޅާފައި ވަނީ ލާމަރުކަޒީ ގާނޫނަށް 15 އަހަރު ފުރުނުއިރު އެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި އެ ނިޒާމު ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައްޗަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށެވެ.
ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ތިބެން ޖެހޭ ގޮތަށް އޮތުމުން ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާކަމަށެވެ.
ގަރާރުގައިވާ ހުރި މުހިންމު ނުކުތާތަކުގެ ތެރޭގައި، މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެކި ފަހަރު މަތީން ގެނައި 15 އިސްލާހެއް ފާހަގަކޮށްފައިވެއެވެ. އަދި މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެތައް ކައުންސިލް މެމްބަރުން އިންތިހާބު ކުރިއިރު ދައުލަތުގެ ބަޖެޓުން ބިލިއަނުން ހަރަދުވެފައިވާކަމަށް ވެއެވެ.
ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށް ގަރާރުގައި ވެއެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ޤަރާރުގައި ބަޔާންކޮށްފައިވެއެވެ.
ކުދި އާބާދީތަކުގައި ކައުންސިލަރުންގެ އަދަދު މަދުކުރަން ދިވެހި ރައްޔިތުން ވަރަށް ބޮޑަ ބޭނުންވާކަމަށާއި ތިން ކައުންސިލަރުންނަށް ކުދި ރަށްތައް މެނޭޖުކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެމްބަރުން ވަނީ ވަކާލާތު ކުރައްވާފައެވެ.
މަޖިލީހާއި ކައުންސިލުތަކުގެ މެމްބަރުންގެ އަދަދު ލިމިޓުކުރުމަށް ގާނޫނަށް އިސްލާހެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް މުއިއްޒުވެސް ވިދާޅުވީ އެކަން ކުރައްވާނީ ރައްޔިތުން އެކަމުގައި ދެކޭ ގޮތެއް ބެއްލެވުމަށްފަހު ކަމަށެވެ.

