އިސްލާމީ މަރުކަޒުގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލު ކުރަން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެނުގެ އަސަރުވަނީ އިސްލާމީ މަރުކަޒަށް ކޮށްފައެވެ. އެގޮތުން ފުރާޅުން ފެން ލީކުވާ ތަންތަނުގައި ބާލިދީ ބަހައްޓާފައި ހުރި މަންޒަރު ފެން ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ.
މި މައްސަލައިގައި ޝަހީމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި އިސްލާމީ މަރުކަޒަށް ފެންލީކުވާ މައްސަލަ ހައްލު ކުރުމަށް، ކަމާގުޅޭ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް، އިސްލާމިކް މިނިސްޓްރީން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާވަނީ ދެއްވައިފައެވެ.
އިސްލާމީ މަރުކަޒު ބިނާކުރީ މީގެ 40 އަހަރު ކުރިން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައެވެ. އިސްލާމިކް މިނިސްޓްރީ ވެސް ހިންގަނީ އެ އިމާރާތުގައެވެ.

