ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ތަހުނިޔާ ފޮނުއްވަވާފައިވަނީ ހޮނިހިރު ދުވަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ، ދިވެހިރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
ހަމައެއާއެކު، މި ޕޯސްޓުގައި ރައީސް ވަނީ ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް، ޝުކުރު ދަންނަވާފައިވެއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ގާއިމް ކުރެވިފައި ހުރި މަރުކަޒުތަކުގައި ލައިބްރަރީތައް ގާއިމް ކުރަައްވާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރާއްޖެއަށް ގެންނަން ބޭނުންފުޅުވަނީ މާއްދީ ތަރައްޤީ ނޫންކަމަށާއި ފިކުރީ ތަރައްޤީ ގެންނަވާނެކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.

