ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 14،000ން މައްޗަށް އަރައިފިއެވެ.
ޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫންމަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރު ގިންތި ކުރެވިފައިވާ ގޮތަށް ބަލާއިރު، އޭގެ ތެރޭގައި 8 ގިންތިއެއް ހިމެނެއެވެ. އެގޮތުން އެ ގިންތިތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުރެގެން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. މިބައިން އެކަނިވެސް 4000ށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
މީގެ އިތުރުން، ދަފްތަރުގައި ހިމެނޭ 14،144 މީހަކަށް މާލީ އެހީ ފޯރުކޮށްދެވިފައިވާއިރު، މާލީ އެހީގެ ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 50،768،000 (ފަންސާސް މިލިއަން ހަތްލައްކަ ފަސްދޮޅަސް އަށްހާސް) އެވެ.
މި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިން ތަމްސީލު ކުރާނެ މެމްބަރަކު ކުޅިވަރާ ބެހޭ ޤައުމީ މަޖިލީހުގައި ހިމެނުއްވުމަށްވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އެއީވެސް އެފަދަ ކުދިން ބާރުވެރި ކުރުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

