މިހާރުވެސް ސަސްޕެންޝަނުގައި އޮތް ތިނަދޫ ކައުންސިލުން ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދައި، ރެކޯޑުތަކެއް ބަލަހައްޓާފައި ނުވާކަމަށް 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެ އެވެ.
މިހާރު ވެސް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ތިނަދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި ސިޓީގެ މޭޔަރު ސައުދު އަލީއަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ތިއްބެވީ ސަސްޕެންޝަނުގަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯތިރިޓީގެ އިންކުއަރީއެއް ހަދައި، އެ ނިންމުން އާންމު ކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ކައުންސިލް ހިންގުމާއި، ތަކުރާރުކޮށް ދިން އިރުޝާދުތަކަށް ވެސް އަމަލުކޮށްފައި ނުވާތީ އެވެ. ކައުންސިލްގެ މާލީ ބައެއް ހިސާބުތަކާއި ގުޅޭ ވާހަކަތައް އެލްޖީއޭގެ ރިޕޯޓުގައި ވެސް ހިމަނާފައި ހުއްޓެވެ.
ގިނަ މައްސަލަތަކެއް ފެންމަތިކޮށްފައިވާ ތިނަދޫ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި ލިބެންޖެހޭ ފައިސާގެ ރެޖިސްޓްރީގައި ހިމަނާފައިވާ އަދަދު ސައްހަ ނުވުމާއި ލިބެން ޖެހޭ ފައިސާ ހޯދުމަށް ގަވައިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެ ކައުންސިލުން އަޅާފައި ނެތެވެ. އެގޮތުން 2023 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ފައިސާގެ ގޮތުގައި ލިބެން ޖެހޭ 7 މިލިއަން ރުފިޔާ ހުރިކަމަށް ރެޖިސްޓްރީން ދެއްކި ނަމަވެސް، އެ އަދަދުތައް ހިމަނާފައިވާ ގޮތުގެ ނުވަތަ ހިސާބު ކުރި ގޮތުގެ ތަފްސީލު ކައުންސިލުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ހަވާލުކޮށްފައި ނުވެއެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ރެޖިސްޓްރީގައި ހިމަނާފައިވާ ބިންތަކުން ތިން މިލިއަން ރުފިޔާ ލިބެން ޖެހޭޖކަމަށް އޮޑިޓުން ދެއްކި ނަމަވެސް ކައުންސިލުން ހިމަނާފައިވާ ހިސާބުގައި އަދަދަކަށް ޖަހާފައި ވަނީ 2.2 މިލިއަން ރުފިޔާ ކަމަށެވެ.
އޮޑިޓު ރިޕޯޓުން އެނގޭ ގޮތުން ކައުންސިލުން ކުރި ބައެއް ދަތުރުތަކަށް، ބޮޑު ހޭދައެއްކުރި އިރު ދޭން ނުޖެހޭ މިންވަރަށް ފައިސާ ދޫކޮށްފައިވެސް އެބަހުއްޓެވެ. ކައުންސިލްތަކުން ރަށްތަކަށް ކުރާ ދަތުރުތަކަށް ދުވާލެއްގެ މައްޗަށް ފައިސާ ދޫކުރާނީ އުސޫލު ބުނާ ގޮތުން 500 ރުފިޔާ އެވެ. އެހެން ނަމަވެސް ތިނަދޫ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިން ކ. އަތޮޅަށް ކުރި ދަތުރެއްގައި ދުވާލަކަށް 700 ރުފިޔާގެ ރޭޓުން ފައިސާ ދީފައި ވެއެވެ. އަދި އއ އަތޮޅަށް ކުރި ދަތުރުގައި ދޫކޮށްފައި ވަނީ ދުވާލަކަށް 1،500 ރޭޓުން ބަލައިގެންނެވެ.
މީގެއިތުރުން އެ ދަތުރުގައި ކައުންސިލް އިދާރާއިން ބައިވެރިވި ދެ މީހަކަށް ހުރުމުގެ ހަރަދަށް އިތުރު 1000 ރުފިޔާ ދީފައިވާއިރު ކެއުމުގެ ހަރަދަށް ވެސް 5،120 ރުފިޔާ ދީފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
މި ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީގެ އެއްވެސް ހުއްދައެއް ހޯދާފައި ނުވާއިރު، މި ދަތުރުތަކާއި ގުޅިގެން ދޫކޮށްފައިވާ 59،300 ރުފިޔާގެ އެއްވެސް ބިލެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.
އޮޑިޓު ރިޕޯޓުގައި ބުނެފައިވަނ، އާމްދަނީގެ ގޮތުގައި ތިނަދޫ ކައުންސިލަށް 2023 ގެ ނިޔަލަށް ލިބިފައިވާ 175،859 ރުފިޔާ ޕަބްލިކް އެކައުންޓަށް ޖަމާކޮށްފައި ނެތްކަމަށެވެ. މިއީ މަސްވެރިކަމުގެ ލައިސެންސް ފީއާއި، މުދަލުގެ ޒަކާތް އަދި އައިޑީ ކާޑު ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އެވެ.
އިތުރު އެހެން މައްސަލައަކަށް ރިޕޯޓުގައި ފެންމަތިކޮށްފައި ވަނީ ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް ގަވައިދާ ހިލާފަށް އެލަވަންސްތައް ދީފައި ހުރުމެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް، އެލަވެންސެއް ދެވޭނީ ގާނޫނުގެ ދަށުން އެލެވެންސް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްސަސާއަކަށް އެންގުމުންނެވެ. އެހެން ނަމަވެސް ތިނަދޫ ކައުންސިލުން ވަނީ 2022 ވަނަ އަހަރުގެ އޭޕްރިލް އިން ފެށިގެން 2023 ގެ ނިޔަލަށް ބިޑް ކޮމިޓީގެ މެމްބަރުންނަށް 148،750 ރުފިޔާ ދީފަ އެވެ. އުސޫލާއި ހިލާފަށް މި ފައިސާ ދީފައި ވަނީ ކޮމިޓީން އިވެލުއޭޓުކޮށް ފައިނަލް ކުރާ ކޮންމެ މައްސަލަކައަކަށް 250 ރުފިޔާ ދޭގޮތަށެވެ.
މީގެއިތުރުން ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން އޮޑިޓް ސާމްޕަލްގެ ގޮތުގައި ބެލި 24 މިލިއަން ރުފިޔާގެ 19 މުއާމަލާތަކަށް ރަސީދު ތައްޔާރުކޮށްފައި ނެތެވެ. އަދި އެ މުއާމަލާތުގެ އެއްވެސް ރިކޯޑެއް ޕޯޓަލްގައި ނެތެވެ.
އޮޑިޓަރ ޖެނެރަލްގެ މި ރިޕޯޓުގައި ވަނީ ގަވައިދާ ހިލާފަށް ދޫކޮށްފައިވާ ފައިސާތައް އަނބުރާ ހޯދުމަށް ލަފާ ދީފަ އެވެ. އަދި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށް ވެއެވެ.
މިދިޔަ މަހު އެލްޖީއޭއިން މެމްބަރުން ސަސްޕެންޑުކޮށް ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން މޭޔަރާއި ޑެޕިއުޓީ މޭޔަރަށް އަދި މެމްބަރުންނަށް ލިބެން ޖެހޭ މުސާރަތައް ނަގާފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވެސް އެގޮތަށް ފައިސާ ނަގާފައި ހުރިިކަމަށް ރިޕޯޓުގައި ވެއެވެ.
އޭރު އެލްޖީއޭ ރިޕޯޓު އާންމު ކުރުމުން، ކައުންސިލުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އޮޑިޓަރ ޖެނެރަލް މި ހަފްތާގައި އާންމު ކުރެއްވި ރިޕޯޓާއި އެކު ކައުންސިލްގެ ގިނަ މައްސަލަތަކެއް ވަނީ ފެނަމަތިވެފަ އެވެ.

