މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ އަލްސަން މުހައްމަދު މަރުވުމާ ގުޅިގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. އަދި މަރްޙޫމް ޔޫސުފް އަލްސަން މުޙައްމަދަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެ މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައެވެ. އަދި، މި އެކްސިޑެންޓުގައި ހާނީއްކަވެ ފަރުވާ ހޯދަމުންދާ ދެ ފަރާތަށްވެސް އަވަސް ޝިފާއަށް އެދި ދުޢާ ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
އަލްސަންއަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި އަޝްފާގެ ހަމައެކަނި ދަރިފުޅެވެ.
މި ޙާދިސާއާ ގުޅޭގޮތުން ފުލުހުން އެންމެ ފަހުން ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، އެކްސިޑެންޓު ހިނގަން މެދުވެރިވީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ.
40 އަހަރުގެ މީހާއަށް ހޮސްޕިޓަލުގެ އައިސީޔޫގަައި ފަރުވާދެމުންދާއިރު، 16 އަހަރުގެ ކުއްޖާއަށްއަށްވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

