ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ، އިތުރު އެހެން މުހިންމު މަސައްކަތެއް ނޯންނާނެ: މީކާއިލް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ސުވާލުތަކަށް ޖަވާބުދާރީވުން ފިޔަވައި އިތުރު ބޮޑު މަސައްކަތެއް ދައުލަތުގެ އެއްވެސް ވަޒީރަކަށް ނޯންނާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންގޮސްފައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ، ޓްރޭޑްމާކްގެ ބިލަށް ބަހުސް ކުރުމެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގައި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ޓްރޭޑްމާކް ރެޖިސްޓްރީ ކުރުމާއި ގުޅޭ ނިޒާމެއް ގާއިމު ކުރުމަށެވެ.

ބިލުގެ ބަހުސްގައި މީކާއިލް ނުރުހުންފާޅު ކުރެއްވީ، އޭނާ ހުށަހަޅާފައިވާ މައްސަލައެއްގައި މިއަދުގެ ޖަލްސާއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ހާޒިރުވާ ގޮތަށް އެޖެންޑާގައި އޮތް ނަމަވެސް، ކޮންމެހެން ހާޒިރުވާން ޖެހޭ މުހިންމު މަސައްކަތެއް އޮތްކަމަށް ވިދާޅުވެ މަޖިލީހަށް މިނިސްޓަރ ވަޑައިގެންފައި ނުވާތީ އެވެ. އެއީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެ މިދިޔަ މޭއި މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ރައީސް އޮފީހުގައި ބައްދަލު ކުރެއްވި ”ޕްރިންސް“ ފަހަދު ސައުދު އަލްޝަންގެ މައްސަލައިގަ އެވެ. މީކާއިލް ހުށަހަޅާފައި ވަނީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ ސާފުކޮށް ދިނުމަށެވެ. އަދި އެއީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތް ނުވާ ފަރާތެއް ނަމަ، ސަރުކާރުން ހާމަކުރި މައުލޫމާތުގެ ސަބަބުން ރާއްޖެއާއި އެ ގައުމުގެ ގުޅުމަށް އޭގެ އެއްވެސް އަސަރެއް ކުރިތޯ މީކާއިލްގެ ސުވާލުގައި ވެއެވެ.

މީކާއިލް ވިދާޅުވީ، ޓްރޭޑްމާކްގެ ގާނޫނެއް ގެނައުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އަސްލާއި ފޭކު ވަކި ކުރުމަށް ކަމަށެވެ. އަދި ފޭކު މާކުތައް ބޭނުން ކުރާ ބަޔަކަށް ފިޔަވަޅު އަޅައި ގާނޫނުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ފަސޭހަ ކުރުމަށްކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ގާނޫނުގެ ބޭނުން ހިފައި، އެ ތަންފީޒު ކުރަން އެންމެ ފުރަތަމަ ޖެހިފައި ވަނީ މި ސަރުކާރަށްކަމަށް މީކާއިލް ވިދާޅުވި އެވެ.

އެގޮތުން ދާދިފަހުން ސައުދީ އަރަބިއްޔާގެ ޕްރިންސެއްކަމަށް ބުނެ، މީހަކާއި ބައްދަލުކޮށް ރާއްޖޭގައި އިންވެސްޓު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކައި މައުލޫމާތުތައް ގެނެސްދިންކަން މީކާއިލް ފާހަގަކުރެއްވި އެވެ. މީކާއިލް ވިދާޅުވީ އެއީ އެއްވެސް އަސްލެއް ނެތް، ކޮން އާޓިސްޓެއްކަން ސަރުކާރަށް އެނގުނީ މާފަހުން ކަމަށެވެ. އެހެންކަމުން ޓްރޭޑުމާކް ބިލުން މި ކަންކަން ވެސް ހުއްޓިގެން ދާނެތޯ، މީކާއިލް ސުވާލު ކުރެއްވި އެވެ.

އަޅުގަނޑުމެން ފާހަގަކޮށްލަން މި ޖެހެނީ ސަރުކާރުން ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހަމައިން ރައީސް އޮފީހާ ހަމައިންފެއާ އޮރިޖިނަލްއާ ވަކިނުވާކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ..  ދާދި ދާދި ފަހުން ސައުދީ އަރަބިޔާގެ ޕްރިންސެއްކަމަށް ބުނެ ހިޒް ރޯޔަލް ހައިނަސް ގެ ލަގަބް ދެއްވައި ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލު ކުރެއްވި ޕްރިންސެއްކަމަށް ބުނާ މީހަކު ގެނެސް ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް އޭނާ ކުރަން އުޅޭ ކަމަށް ބުނެ އެ ހޭވި ހަޑި އަޅުގަނޑު ހަމަ ހިތަށް އަރަނީ މި ޓްރޭޑް މާކް ބިލުން އެފަދަ ކަންކަން ހުއްޓޭނެ ބާއޭ.. ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭއިރު އަޅުގަނޑުމެން ބަލައިލަން އެބަ ޖެހޭ މި ބިލުތަކުގައި ކަނޑައަޅައި ގާނޫނީ މުއްދަތު އެއީ ކިހާ މުހިންމު ކަމެއްކަން..

މަޖިލީހުގެ މަސައްކަތްތަށް އަވަހަށް ނިންމާލާތީ، އެކަމަށް ފާޑުކިއުން އަމާޒުކޮށް މީކާއިލް ވިދާޅުވީ ވަޒީރުން ވެސް ފަހަކަށް އައިސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެއްބާރުލުން ދިނުމަށް ދެކޮޅު ހަދަމުންދާކަމަށެވެ. ވަޒީރުންނާއި ސުވާލު ކުރެވޭނެ ގޮތުގެ ގަވައިދެއް އޮންނަ އިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ޖަވާބުދާރީވާން ޖެހޭ ސުވާލު ވެސް ފޮނުވާކަމަށެވެ.

ބަންދު ދުވަސްތައް ނުހިމަނައި މުއްދަތު ގުނައި، ވަޒީރު މަޖިލީހަށް ހާޒިރުވާން ޖެހޭ ދުވަހު ކޮންމެވެސް ބަހަނާއެއް ދައްކައި ތަޅުމަށް ހާޒިރު ނުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މީކާއިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މެމްބަރުން ހުށަހަޅާ މައްސަލަތަކުގައި މަޖިލީހުގެ ތަޅުމަށް ނުވަތަ ކޮމިޓީތަކަށް ސަރުކާރުގެ އިސްވެރިން ހާޒިރުވަނީ އެބޭފުޅުން ހެޔޮފުޅުކަމުންކަމަށް ދެއްކުމަށް ބައެއް ބޭފުޅުން މަސައްކަތް ކުރާ ކަމަށެވެ. އެހެން ނަމަވެސް ހަގީގަތަކީ ސަރުކާރުން މަޖިލީހަށް އެއްވެސް އިހުތިރާމެއް ނުބެހެއްޓުންކަމަށް މީކާއިލް ވިދާޅުވި އެވެ.

ކޮންމެހެން ހާޒިރުވާން ޖެހޭ މުހިންމު މަސައްކަތެއްގެ ސަބަބުން މަޖިލީހަށް ހާޒިރު ނުވެވޭނެކަމަށް ޚަލީލް ވިދާޅުވި ނަމަވެސް ރައްޔިތުންނަށް ޖަވާބުދާރީ ވުން ނޫން އިތުރު ބޮޑުކަމެއް ނޯންނާނެކަމަށް މީކާއިލް ވިދާޅުވި އެވެ.

މިއަދު މި ޓްރޭޑްމާކާ ގުޅުން ހުރި ނުލާހިކު ގުޅުންހުރި ފޭކާއި އޮރިޖިނަލް ވަކިކުރުމުގެ ސުވާލެއް ފޮރިން މިނިސްޓަރާ ކުރާއިރު ފޮރިން މިނިސްޓަރު މިއަދު ޓޭބަލް ކުރުމަށްފަހު.. ޖަލްސާއެއް އެޖެންޑާ ކުރުމަށްފަހު، ސުވާލު އެޖެންޑާ ކުރުމަށްފަހު އެންމެ ފަހު މިނެޓު މި ވިދާޅުވަނީ ރަސްމީ މަސައްކަތަކާ ހުރެ އެ މަނިކުފާނަށް މި ރައްޔިތުންގެ މަޖިލީހަށް ވަގުތު ނުދެއްވޭނެކަމަށް.. މި ރައްޔިތުންގެ މަޖިލީހަށް މި ރައްޔިތުންގެ ގެއަށް ވަޑައިގެން މި ރައްޔިތުންނަށް ޖަވާބު ދެއްވަން އޮންނަ ފުރުސަތެއްގައި އެއަށް ވުރެ ބޮޑު ރަސްމީ މަސައްކަތެއް ވަޒީރަކަށް ނޯންނާނެ…

މީކާއިލް ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ކުރާ ސުވާލުތަކަށް މިނިސްޓަރ ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި އިތުރު އެހެން ބޮޑު ރަސްމީ މަސައްކަތެއް އެ މިނިސްޓަރަކަށް އެ ދުވަހަކު ހާޒިރުވާން ނުޖެހޭނެކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މީގެއިތުރުން މީކާއިލް ވަނީ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ބުނި ބިލުތައް ކޮބައިތޯ ސުވާލު އުފައްދާފަ އެވެ. އަހަރު ފެށިގެން އައިއިރު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ދަށުން ގިނަ ބިލުތަކެއް މަޖިލީހަށް ހުށަހަޅާނެކަމަށް ބުނި ނަމަވެސް ފައިދާ ހުރި ބިލެއް ތަޅުމަށް ހުށަހަޅާތަން ނުފެންނަކަމަށްމ މީކާއިލް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: