ޓްރޭޑްމާރކް ބިލަކީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށް މުހިންމު ބިލެއްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިވަގުތު މަޖިލީހުގައި އޮތް މި ބިލާއި ގުޅޭ ގޮތުން ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ޓްރޭޑްމާރކާއި ބެހޭ ބިލަކީ ނުގެނެވި ލަސްވެފައިވާ ބިލެއްކަމަށެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މާހައުލު ހަރުދަނާކޮށް އިތުބާރު އުފެއްދުމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު ބިލެއްކަމަށްވެސް ސައީދު ވިދާޅުވިއެވެ.
މި ޤާނޫނު ވުޖޫދަށް އައުމުން ދިވެހިރާއްޖޭގެ ވިޔަފާރީގެ މާޙައުލަށް ވިޔަފާރިތަކުންކުރާ އިތުބާރު އިތުރުވެގެންދާނެކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ފިކުރީ މުދަލުގެ ހައްޤުތައް ރައްކާތެރި ކޮށްދިނުމަށް ސަރުކާރުން ދޭ އަހްމިއްޔަތުކަން މި ބިލުން ހާމަކޮށްދޭކަމަށެވެ.
މިއީ ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކުގެ ޝައުޤުވެރިކަން ހޯދުމަށްވެސް މުހިއްމު ބިލެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ 2040 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ރާއްޖެ ހެއްދެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ 2.0 ގެ މުހިންމު ތަސައްވުރުގައި ހިމެނޭކަމެއްކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
މި ބިލުގެ ސަބަބުން އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމާރކް ރަޖިސްޓްރީކޮށްދިނުމާ ގުޅޭ ނިޒާމެއް ގާއިމްވާނެކަމަށް މަޖިލީހަށް ބިލު ހުށައަޅުއްވި މެންބަރު ވިދާޅުވިއެވެ. މި ބިލުގައި ކަމާއި ގުޅޭ އުސޫލުތައް ވަނީ ހިމަނާފައެވެ. ޓްރޭޑްމާރކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައްވެސް ހިމަނާފައިވެއެވެ.

