މި ސަރުކާރުން ދޮގު ހެދުމުގެ ބަދަލުގައި ވައުދު ވުއްދުމަށް ސަމާލުކަން ދިނުމަށް އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ނިޒާމު އޮންނަންޖެހޭކަމަށެވެ. އަދި ވިދާޅުވީ، ސިޔާސީ ޙަރަކާތެއް ހިންގަން ސަރުކާރުން މިއަދުވެސް ހުރަސް އަޅަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.
މާރިޔާ ވިދާޅުވީ، ދޮގު ހެދުމުގެ ބަދަލުގައި ވައުދު ވުއްދެވުމަށް ސަމާލުކަން ދެއްވާނަމަ އެމްޑީޕީން މަގުމަތީ ޙަރަކާތް ހިންގާތީ އެކަމާ ޖެހިލުންވާން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީން މާލޭގެ މަގުމަތީގައި މި ޙަރަކާތް ކުރިއަށް ގެންދާނެ ކަމަށާއި، ޕާޓީއާމެދުގައި ފިޔަވަޅެއް އަޅާނެކަމަށް ޖެހިލުން ނުވާނެކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެމްޑީޕީއަށް އެކަންކަން އަލެއްނުވާނެކަމަށެވެ.
ހަމައެއާއެކު، އެމްޑީޕީން ސިޔާސީ ޙަރަކާތް ހިންގުމަށް މި ސަރުކާރުން ފުރުސަތު ދިނުމަށް މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒަށް ގޮވާލައްވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމުގައި ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޕާޓީން އެދިފައިވެއެވެ.

