ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެސިސްޓިވް ޑިވައިސް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމުގެ ހާއްސަ މަސައްކަތްތަކެއް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން ފަށައިފިއެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމުގެ ދަށުން ދަށުން ދިވެހިރާއްޖެއަށް ހާއްސަ، ދިވެހިރާއްޖޭގައި އިސްކަންދޭނެ ނޭޝަނަލް ޕްރައިރަޓީ އެސިސްޓިވް ޕްރޮޑަކްޓް ލިސްޓެއް ”ނޭޝަނަލް ޕްރައޮރިޓީ އެސިސްޓިވް ޕްރޮޑަކްޓް ލިސްޓް“ އެކުލަވާލުމުގެ މަސައްކަތްތަކެއް އެ ޖަމިއްޔާއިން މިކަމަށް ކަނޑައަޅުއްވާފައިވާ ޓެކްނިކަލް ކޮންސަލްޓަންޓުގެ ފަންނީ ލަފާގެދަށުން ކުރާ މަސައްކަތެކެވެ.
މިއީ ދިވެހިރާއްޖޭގެ ހާލަތަށް ބިނާކޮށް އެންމެ އިސްކަންދޭނެޖެހޭނެ ކަންކަން ދެނެގަނެ، އެކަންކަމަށް އެހީތެރިވުމަށް ބޭނުންވާ އާލާތްތައް ހިމެނޭ ގޮތަށް އެކުލަވާލެވޭ ލިސްޓެކެވެ.
މިފަދަ ”އެސިސްޓިވް ޕްރޮޑަކްޓްސް“ ތަކަކީ ޖިސްމާނީ، ހިއްސުތަކާގުޅޭ އަދި ވިސްނުން/ހަނދާންކުރުން ފަދަ ތަފާތު އުނިކަންތައް ތަހައްމަލްކުރާފަރާތްތަކުގެ ބޭނުންތައް ފުއްދުމަށް އެހީތެރިވުމަށް ފަރުމާކޮށްފައި ހުންނަ ތަކެއްޗެވެ. މިފަދަ ލިސްޓެއް އެކުލަވާލުމުގެ މަޤްސަދަކީ އެފަދަ އާލާތްތައް ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު އެސިސްޓިވް ޕްރޮޑަކްޓްގެ އެކިއެކި އާލާތްތައް ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ދައުލަތުގެ ފަރާތުން ލިބެންހުރި ވަސީލަތްތައް އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރުމަށް މަގުފަހިކުރުމުގެވެ. އަދި އެ ފަރާތްތަކުގެ ދިރިއުޅުގެ ހާލަތު ރަނގަޅު ކޮށްދެވި ފަސޭހަކަމާއެކު މިފަދަ ތަކެތި ލިބޭނެގޮތް ފަހި ކުރުމެވެ.
މިގޮތުން މި މަސައްކަތުގެ ތެރެއިން އެއްކުރެވުނު މަޢުލޫމާތާ ގުޅޭ ވެލިޑޭޝަން ވޯކްޝޮޕްއެއް ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް 16 ޖުލައި 2025 ވާ ބުދަދުވަހު 8:30 އިން 14:30 އަށް މީރުމާ މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

